މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ހއ. ކެލާގައި ޒުވާނުންގެ ގަސް އިންދުމުގެ ހަރަކާތަކާއި، ފުޓު ބޯޅަ މުބާރާތެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
މިގޮތުން ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކެލާގައި ފުރަތަމަ އޮންނާނީ އެރަށުގައި އަލަށް ހެދި ބަނދަރު ސަރަހައްދު ހޭޅިފައް ފެހި ކުރުމުގެ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން އެ ސަރަހައްދުގައި ހޭޅީގައި ހެދޭ ޒާތު ބޯށި، މަގޫ ފަދަ ގަސްތައް އިންދަން ނިންމާފައިވާ ކަމަށް ކެލާ ކައުންސިލުން ވިދާޅުވިއެވެ.
ކެލާ ކައުންސިލްގެ ރައީސް އަބުދުﷲ އިންފާޒް "ތިލަދުން"އަށް ވިދާޅުވީ، ޒުވާނުންގެ ދުވަހަހާއި ގުޅުވައިގެން ފުރަތަމަ ކެލާގައި ހިންގާނީ ޒުވާނުންނަށް ހާއްސަ ގަސް އިންދުމުގެ ހަރަކާތެއް ކަމަށެވެ.
"މިރަށުގައި އަލަށް ބަނދަރު ހަދާފައިވާ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ފެހިކުރަން ބޭނުންވެފައި، އެހެންވެ ޒުވާނުން ބައިވެރިވާ ގަސް އިންދުމުގެ ހަރަކާތެއް މި ރޭވީ، މި ހަރަކާތުގެ ދަށުން ބަނދަރު ސަރަހައްދުގެ ހޭޅީގައި ހެދޭ ކަހަލަ ގަސް އިންދަން ނިންމާފައި ވަނީ" އިންފާޒް ވިދާޅުވިއެވެ.
ޒުވާނުންގެ ދުވަހާއި ގުޅިގެން އެރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތަކީ ދެޖިންސަށް ހުޅުވާލައިގެން 5 އަސައިޑް ފުޓްބޯޅަ މުބާރާތެއް ބޭއްވުމެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މިއަދު ހެނދުނު 8:00 ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ކެލާ ކައުންސިލުން ދޫކުރާ ފޯމް ފުރުމަށް ފަހު އެ އިދާރާއަށް ހުށަހަޅަން ޖެހެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށެވެ.
2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ރައީސްއުލްޖުމްހޫރިއަޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމަވާފައިވަނީ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުގައެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!