ހއ. އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އިހަވަންދޫގައި ކުރިއަށް ގެންދިޔަ "ނަމޫނާ ދަނޑުވެރިޔާ" ޕްރޮގްރާމް ނިންމައި، އެ ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގެ ނިންމުމުގެ ޚަފްލާ ބާއްވާފައި ވަނީ 09 އޮކްޓޯބަރ 2021 ވީ ހޮނިހިރު ދުވަހުގެ ރޭ އިހަވަންދޫ ސްކޫލުގައެވެ. ޖުމްލަ 17 ބޭފުޅުން މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލްކުރިއިރު، އެ ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވާފައި ވަނީ އިހަވަންދޫ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އަރީބް، އިހަވަންދޫ ކައުންސިލް މެމްބަރ މުޙައްމަދު ޒާހިރްގެ އިތުރުން ކުލަބް ޕޯލްސްޓާގެ އަންހެނުން ރޫހުގެ ރައީސާ ހަސީބަތު ސާނިޔާއެވެ.
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދީފައިވާ ބައިތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ ވެލި ތައްޔާރު ކުރާނެ ގޮތާއި، ގަސްތަކަށް ފެނާއި ކާނާ ދިނުމުގެ އުޞޫލުތަކުގެ އިތުރުން ގަސްގަހަށް ޖެހޭތަފާތު ބައްޔާއި އެ ބަލިތަކަށް ދޭނެ ފަރުވާއެވެ.
އިހަވަންދޫ ކައުންސިލާއި، ކުލަބް ޕޯލްސްޓާއާއި ޕްރައިމް މޯލްޑިވްސް ގުޅިގެން ހިންގި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގެ މަޤުޞަދަކީ އިހަވަންދޫގައި ގަސްހެއްދުމަށް ލޯބިކުރާ ފަރާތްތައް އިތުރު ވަމުން އައުމާއި ގުޅިގެން އެ ފަރާތްތަކަށް ގަސް އިންދާ ހެއްދުމުގެ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ އެކަން ރަނގަޅު ގޮތުގައި ކުރުމަށް ހިތްވަރު ދިނުމެވެ.
"ތިލަދުން" އާއި ވާހަކަ ދައްކަމުން ކުލަބް ޕޯލްސްޓާގެ ރައީސް މުޙައްމަދު ސުޖާއު ވަނީ މި ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސް ނިންމާލުމުގައި އިހަވަންދޫ ސްކޫލާއި، އިހަވަންދޫ ކައުންސިލާއި ޕްރައިމް މޯލްޑިވްސްގެ އިތުރުން ޕޯލްސްޓާގެ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!