ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިޓަލީން ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ އިޓަލީގެ ޓިއުރިންގެ އެލިއަންޒް އެރީނާގައި ކުޅުނު މުބާރާތުގެ ތިންވަނަ ހޮވާމެޗު ބެލްޖިއަމާއި ވާދަކޮށް އިޓަލީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. ނަމަވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ 18 ވަނަ މިނެޓުގައި އިޓަލީގެ ބެރާޑީ ފޮނުވާލި ހަމަލާ ބެލްޖިއަމްގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އޭގެ ދިހަމިނެޓް ފަހުން ބެލްޖިއަމްގެ އެލެކްސިސް ސެއިލެމޭކާރސް ފޮނުވާލި ހަމަލާވެސް އަމާޒުވެފައި ވަނީ އިޓަލީގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އިޓަލީގެ މިޑްފީލްޑަރ ފެޑްރިކޯ ކިއޭސާއަށެވެ. އޭނާ ބެލްޖިއަމްގެ އޭރިއާތެރޭ ހުހަށްހުރެ ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ބެލްޖިއަމްގެ ގޯލް ކީޕަރެވެ.
މެޗުގައި އިޓަލީން ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ނިކޯލޯ ބަރެއްލާއެވެ. އިޓަލީން ދެވަނަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ 65 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ޑޮމެނިކޯ ބެރާޑީއެވެ. މެޗުގައި ބެލްޖިއަމުން ކާމިޔާބުކުރި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގައި ކުޅެން ނުކުތް ޑި ބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑި ކެޓަލަރއެވެ.
މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ސްޕެއިންއާއި ފްރާންސެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ އާދީއްތަ ދުވަހުގެ ރޭ (މިރޭ) ރާއްޖެ ގަޑިން 23:45 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!