ބްރޯޑްކާސިންޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ބައްދަލު ކުރަށްވައިފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ބްރޮޑްކާސްޓިން ދާއިރާއިން އެކުގައި މަސައްކަތް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ބްރޯޑްކޮމްއިން ހުށަހެޅި ފަހުމުނާމާއެއްގައި ސޮއިކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވިފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

Ad
rt

މި ބައްދަލުވުމާއި ގުޅޭގޮތުން ބްރޯޑްކޮމް ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެކަންކަމާ ގުޅޭ ފަހުމުނާމާއެއް އެކުލަވާލުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ރަށްރަށުގައި ގަވާއިދާ ޚިލާފަށް ދޭ ރީބްރޯޑްކާސްޓިންގެ ޚިދުމަތް ހުއްޓުވުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށެވެ.

ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަހީދާ (މަރީ) ކުޅުދުއްފުށި ސިޓީގައި ހުންނަވައިގެން "ތިލަދުން"އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، ބްރޯޑްކޮމްއިން ބޭނުންވަނީ ކައުންސިލްތަކާއި ގުޅިގެން ބްރޯޑްކޮމްގެ މަސައްކަތްތައް އަތޮޅު ތެރޭގައި ކުރިއަށްގެންދިއުމަށްކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކޮށް ބްރޯޑްކޮމްއިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝަވަރާތައް ކުރިއަށްގެންގޮސްފައިވާނެ ކަމަށް މަރީ ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ ރައީސާ މަރީ ކުޅުދުއްފުށީ ސިޓިީއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އިއްޔެ އެ ސިޓީގައި ފެށުނު ނޫސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް އިފްތިތާހްކޮށްދެއްވާފައެވެ.

5 ދުވަހުގެ މުއްދަތަށް ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ނޫސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ބްރޯޑްކޮމްގެ ރައީސާ މަރިޔަމް ވަޙީދާގެ އިތުރުން އެކޮމިޝަނުގެ ބައެއް އިސް ބޭފުޅުންނެވެ. މިއީ ޔޫތު މިނިސްޓްރީ އާއި ބްރޯޑްކޮމް ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށްވެސް ބްރޯޑްކޮމްއިން މަޢުލޫމާތުދީފައިވެއެވެ.