އެންމެ އިސް ޤައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރުން: ރައީސް

Raees Solih

މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންމެ އިސް ޤައުމީ ވާޖިބަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރުންކަމަށާއި އަދި އެއީ ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ނަގަހައްޓައި ދެމެހެއްޓުންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ޤައުމިއްޔަތުގެ އަސާސީ ބަހާތައް ތަފްޞީލުކޮށްދެއްވަމުން އެކަންތައްތަކުގެ ތެރޭގައި ރައީސް ފާހަގަ ކުރެއްވި ކަންތައް ތަކަކީ، ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް ރައްކާތެރިކުރުމާއި، ދިވެހިރާއްޖެއާއި ދިވެހީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ދިވެހިންގެ ހިތްތަކުގައިވާ އިސްލާމީ ޢަޤީދާ ހަރުދަނާ ކުރުމާއެކު، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޑިމޮކްރަސީގެ ހަމަތައް ދިރުވައި އާލާކުރުމެވެ.

މިރޭގެ ވަހަކަފުޅުގައި ރައީސް ޞާލިޙް ވަނީ ވަނީ ރާއްޖޭގެ ޤައުމީ ދުވަސް އެ ބަޠަލެއްގެ މަތިވެރި ޖިހާދަށް ނިސްބަތްވާ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢްޡަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި، އެ ރަދުންގެ ޤައުމީ ޖިހާދުގެ އެންމެ އިސް ސަފުގައި، ދިވެހި ފަސްގަނޑަށްޓަކައި ޤުރުބާންވެވަޑައިގެންނެވި، ފަރާތްތަކުން ވެދެއްވި މަތިވެރި ޤައުމީ ޖިހާދުގެ ހަނދާން އާކޮށް އެ ބަޠަލުންގެ ފުރާނަފުޅަށްވެސް މާތް ﷲ ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވާފައެވެ.

ޤައުމީ ދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޤައުމީ ދުވަހަކީ ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަމަށްވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދިވެހި ޤައުމިއްޔަތަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އަމާނާތެއްގެ ގޮތުގައި ފާހަގަކުރައްވާ، ދިވެހި އެންމެހާ ރައްޔިތުން މި އަމާނާތަށް ވަފާތެރިވުމަށް އެމަނިކުފާނު ބާރުއެޅުއްވެވިއެވެ.

ހަމަ އެއާއެކު އަޚުލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތިބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމަށްވެސް އެމަނިކުފާނު މި ރަސްމިއްޔާތުގައި ވަނީ ބާރުއަޅުއްވާފައެވެ. އަދި ދިވެހިރާއްޖެއަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖްތަމަޢަށް ނެރުމަށާއި، ދިވެހިވަންތަ ޝަޚުޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަކީ ޤައުމީ ވާޖިބަކަށް ހެދުމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ޤައުމުގެ އަންނަން އޮތް ޖީލުގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު އުފައްދައި، ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަށްވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި