ހދ. ގައި ގާއިމުކުރާ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ނެއްލައިދޫ ކައުންސިލްގެ އިދާރާގައެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް މުހައްމަދު އަލީފްއެވެ. އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހްމަދު މަޖްދީއެވެ.
ނެއްލައިދޫ ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް އަޒްރޯވާ މޯލްޑިވްސް އާއި ހަވާލުކޮށްފައި ވަނީ 120 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިއީ 2.5 މިލިއަން ރުފިޔާ ޚަރަދުވާނެ މަސައްކަތެކެވެ.
ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް "ތިލަދުން"އަށް ވިދާޅުވީ، މި މަރުކަޒު ގާއިމުވެގެން ދިޔުމުން އެރަށުގައި ކުނި މެނޭޖް ކުރުމަށް ބޮޑު ބަދަލެއްއައިސް، ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.
މި މަރުކަޒުގައި އެކި ބާވަތުގެ ކުނި އަޅާނެ ޖާގަތައް ވަކިކުރެވި، ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މަސައްކަތް ގެންދެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައި ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
ރައްކާތެރި ގޮތުގައި ކުނި މެނޭޖްކޮށް، ނައްތާލުމަކީ ރާއްޖޭގެ ވަރަށް ގިނަ ރައްތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!