2021 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ނެއްލައިދޫ ސުކޫލުން، ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ނެއްލައިދޫ ކައުންސިލްގެ ފަރާތުން ލެޕްޓޮޕް ހަދިޔާ ކޮށްފިއެވެ.
ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު "ތިލަދުން"އަށް ވިދާޅުވީ 2021 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން ނެއްލައިދޫ ސުކޫލްގެ 3 ދަރިވަރަކު ރާއްޖޭގެ ގަދަ 10 ގައި ހިމެނުނު ކަމަށެވެ.
އޭނާ ވިދާޅުވީ، މިފަހަރު އެ ދަރިވަރުންނަށް ލެޕްޓޮޕް ހަދިޔާކުރީ ނިމުނު ދައުރުގެ ކައުންސިލުން ވެސް އެގޮތަށް އަމަލުކުރަން ނިންމާފައި އޮތުމާއެކު އަލަށް އިމްތިހާނު ހަދާ ދަރިވަރުންނަށް އެކަމުން ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ.
"އަޅުގަނޑުމެން މި ފެށުނު ކައުންސިލުން ވެސް ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން ނެއްލައިދޫ ސުކޫލް ރާއްޖޭގެ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަގު ވަޒަން ކުރާނަން، އަދި ސީދާ ދޭނީ ކޮން އިނާމެއްކަމެއް ނުނިންމަން، އެކަމަކު ދަރިވަރުންނާއި، މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަކީ އަޅުގަނޑުމެން ކުރާނެކަމެއް" އަހްމަދު ރަޝީދު ވިދާޅުވިއެވެ.
އޭނާ ވަނީ 2021 ވަނަ އަހަރު ޖީ.ސީ.އީ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުގައި ނެއްލައިދޫ ސުކޫލުން، ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނު ދަރިވަރުންނަށް އެ ރަން މަގާމު ހޯދައިދިނުމަށް ނެއްލައިދޫ ސްކޫލުން ކުރި ބުރަ މަސައްކަތް ވެސް ފާހަގަ ކުރައްވާފައެވެ.
"ކުދިން އިމްތިހާނަށް ތައްޔާރުކުރީ ޕްރިންސިޕަލަކުވެސް ނެތި ކޯވިޑްގެ މި ދަތިކަމުގެ ތެރޭގައި، ރަށަށް ނިސްބަތްވާ 4 ވަރަކަށް އަންހެން ލީޑިން ޓީޗަރުން އިސްވެ ކުރި ބުރަ މަސައްކަތެއް އެއީ، އެކަމުގައި ސްކޫލްގެ އެހެން ޓީޗަރުންނާއި، ސްކޫލާއި ބެލެނިވެރިންވެސް ޝާމިލްވޭ" އަހްމަދު ރަޝީދު ވިދާޅުވިއެވެ.
އަހްމަދު ރަޝީދު ވިދާޅުވީ، ނެއްލަދޫގެ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށް އާ ކައުންސިލުން ވެސް ސްކޫލާއި، ބެލެނިވެރިންނާ ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެ ސްކޫލްގެ ނަތީޖާ އަހަރަކަށްވުރެ އަހަރެއް ރަނގަޅު ވުމަކީ ވަރަށް ބޮޑު އުންމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.
ނެއްލައިދޫ ސްކޫލްއަކީ އޭ ލެވެލްއަށް ކިޔަވައިދޭ ސްކޫލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!