މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރައީސް ކަމުގެ މަގާމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.
އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ ވަގުތީ އިންޓެރިމް ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަަލަށް ހަމަވެފައިވާއިރު، އެމްއެންޕީގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ނާޒިމް ހޮވުނީ އެ މަގާމަށް އިތުރު ބޭފުޅެއް ކުރިމަތިލައްވާފައި ނުވުމުން އެއްވެސް "ވާން ކުރުމެއް" ނެތިއެވެ.
އެ ޕާޓީން އެކުލަވާލާފައިވާ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އިންތިހާބީ މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައިފިނަމަ އިންތިހާބަކާ ނުލައި އެ ބޭފުޅަކު ހޮވޭނެ އެވެ.
އެމްއެންޕީގައި 6 ނައިބު ރައީސުންގެ ތިބޭގޮތަށް އަސާސީ ގަވާއިދު އެކުލަވާލާފައިވާއިރު، އެ ގަވާއިދުގެ ތެރެއިން އިންތިހާބީ މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައިފިނަމަ އިންތިހާބަކާ ނުލައި އެ ބޭފުޅަކު ހޮވޭނެކަމަށް އޮތް މާއްދާގެ ދަށުން އެ ޕާޓީގެ ނައިބު ރައީސް ކަމަށް ކުރިމަތިލި 4 ބޭފުޅަކަށް ވެސް މިހާރު ވަނީ ވާދަވެރިކަމެއް ނެތި ނައިބު ރައީސުންގެ މަގާމް ކަށަވަރު ވެފައެވެ.
އެބޭފުޅުންނަކީ ތިމަރަފުށީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަދި އެ ޕާޓީ އުފެއްދުމުގައި ލީޑްކުރައްވާ އަބުދުﷲ ރިޔާޟްއާއި، އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް)އާއި، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމްގެ އިތުރުން ހުސައިން އިސްމާއީލް އެވެ.
އެމްއެންޕީއަށް ނައިބު ރައީސުން ހޮވަނީ ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން އެ ފަސް ސަރަހައްދުން ހޮވޭ އެއް ބޭފުޅަކާއި އަންހެން ބޭފުޅުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް ހޮވޭ ބޭފުޅަކު ހިމެނޭ ގޮތަށެވެ. މިގޮތުން މިހާރު މަގާމު ކަށަވަރުވެފައިވާ އަބުދުﷲ ރިޔާޟްއަކީ މެދު ދެކުނު ސަރަހައްދު ތަމްސީލް ކުރައްވާ ނައިބު ރައީސްއެވެ. އުޝާމްއަކީ މެދު ސަރަހައްދު ތަމްސީލް ކުރައްވާ ނައިބު ރައީސްއެވެ. ސައިރިކްސް ޝަރީފް، ދެކުނު ސަރަހައްދު ތަމްސީލް ކުރައްވާއިރު، ހުސައިން އިސްމާއީލްއަކީ އުތުރު ސަރަހައްދު ތަމްސީލް ކުރައްވާ ނައިބު ރައީސްއެވެ.
އެމްއެންޕީގެ ނައިބު ރައީސުންގެ މަގާމަށް އިތުރަށް ހޮވަންޖެހޭ ދެ ޖާގައިގެ ތެރެއިން މަތި އުތުރު ސަރަހައްދަށް ވަނީ ތިން ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، އެ ބޭފުޅުންނަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި، އަހްމަދު އަނޫޝްގެ އިތުރުން މުހައްމަދު ސައީދެވެ. އަންހެން ބޭފުޅުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް ހޮވާ ޖާގައަށް ކުރިމަތިލައްވާފައި ވަނީ މިރުފަތު އިސްމާއީލް ޝަފީގާއި އައިޝަތު ހުސައިން މަނިކު އެވެ.
އެމްއެންޕީ ރަޖިސްޓަރީކުރުމަށް 5000 އަށްވުރެ ގިނަ ފޯމާއެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިހިނގާ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. އެ ޕާޓީގެ އުފެއްދުމުގެ ޖަލްސާ މި މަހުގެ 8 ވާ ހުކުރު ދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެެވެ.
އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެ ޕާޓީން ބުނެއެވެ.
ވާދަވެރިކަމެއް ނެތި އެމްއެންޕީގެ ރައީސަކަށް ނާޒިމް ހޮވިފައިވާއިރު، މި ހަފުތާގައި އޮތް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނެޝަނަލް ކޮންވެންޝަންގައި އެޕާޓީގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްއާއި، އެ ޕާޓީގެ ނައިބު ރައީސް އަކަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ހޮވުނީ ވެސް ވާދަވެރިކަމެއްނެތިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!