"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗު ނޭޕާލުން ކާމިޔާބު ކޮށްފިއެވެ. ހުކުރު ދުވަހުގެ ރޭ ރާއްޖޭގެ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ނޭޕާލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މިއީ ބައިނަލް އަޤުވާމީ މުބާރާތެއްގައި ނޭޕާލަށް ރާއްޖެއަތުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 37 އަހަރުގެ ތެރޭގައި ނޭޕާލާއި ރާއްޖެ ޖުމަލް 16 ފަހަރު ބައްދަލު ކޮށްފައިވާއިރު އެ މެޗުތަކުން ނޭޕާލަށް މޮޅެއް ހޯދިފައި ނުވެއެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވެ ނޭޕާލުންވަނީ ތާރީޚު ބަދަލު ކޮށްފައެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ފަރާތުން ޑޮމިނޭޝަން ފުޓްބޯޅައެއް ވަނީ ފެނިގެން ގޮސްފައެވެ. ލަނޑެއް ނުފެނުނު ނަމަވެސް ލަނޑުޖަހާނެ ފުރުޞަތު ރާއްޖެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ނޭޕާލުގެ ފަރާތުން ރަނގަޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ރާއްޖޭގެ އޭރިއާގެ ތެރެއަށް ނުރައްކާތެރި ހުރަސްތަކެއް ފޮނުވާލި ނަމަވެސް އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. މެޗުގެ ދެވަނަހާފުގެ ފުރަތަމަ ފަނަރަވަރަކަށް މިނެޓަށް ފަހު ރާއްޖޭގެ ޓީމުން ވަނީ އަނެއްކާވެސް މެޗުގެ ކޮންޓްރޯލް އަތުލައި ނޭޕާލުގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނޭޕާލުން އުފެއްދި ކައުންޓަ އެޓޭކެއްގައި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ނޭޕާލްގެ ފޯވާޑް ކުޅުންތެރިޔާ މަނީޝް ޑަންގީއެވެ.

މި މެޗު ފަށާފައި ވަނީ މުބާރާތް ހުޅުވުމުގެ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތަކަށް ފަހުއެވެ. ރާއްޖޭގެ ގިން އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ކުޅުނު މި މެޗު ބައްލަވާލައްވަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެސް ވަނީ ދަނޑަށް ވަޑައިގެންފައެވެ.