ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2 މީހަކަށް 2 ދުވަހުގެ އޯލް އިންކްލޫސިވް ޕެކޭޖެއް ދިނުމަށް ހއ. ކެލާ ކައުންސިލުން ނިންމައިފި އެވެ.
ކެލާ ކައުންސިލުން އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ކެލާގެ ހިތްގައިމު މޫދާއި ގޮނޑުދޮށްތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
އެގޮތުން، ކެލާގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ޕޯސްޓަށް ކޮމެންޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި ކުރާ ކޮމެންޓުތަކުގެ ތެރެއިން ކެލާގައި 2 ރޭ މަޑުކުރުމުގެ ފުރުސަތު އެންމެ ގިނައިން ރިއެކްޓްސް ލިބޭ ކޮމެންޓެއްގެ ވެރިފަރާތައް ލިބިގެންދާނެކަމަށް ކެލާ ކައުންސިލުން ވިދާޅުވިއެވެ. ކޮމެންޓު ކުރަންވާނީ "beautifulkelaa #NaturallyBeautiful# " މި ފަދައިން ލިޔެފައެވެ.
މީގެ އިތުރުން، މި ޗެލެންޖު ކާމިޔާބު ކުރާ ފަރާތައް ޑައިވް ދަތުރަކާއި، މަސް ދަތުރަކާއި، ޖެޓްސްކީ ދުއްވުމުގެ އިތުރުން ފަން ޓިއުބް ދުއްވުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް އެކައުންސިލުން ހާމަކޮށްފައިވެއެވެ.
އަދި ކެލާގައި ރަޖިސްޓްރީ އޮންނަ މީހުންނަށާއި ކެލާގައި މިހާރު ދިރިއުޅޭ ފަރާތްތަކަށް މި ޗެލެންޖުގައި ބައިވެރި ނުވެވޭނެ އެވެ.
ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޗެލެންޖުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކެލާގެ ލޯކަލް ޓުއަރިޒަމް ޕްރޮމޯޓް ކުރުމާއި ކެލާ އެކްސްޕްލޮރ ކޮށްލުމުގެ ފުރުސަތު ނަސީބުވެރި ފަރާތަކަށް ދިނުންކަމަށެވެ.
"އެންމެ ގިނަ ރިއެކްޓްސް ލިބޭ ކޮމެންޓެއްގެ ވެރިފަރާތް ބޭނުން އެހެންމީހަކާއި އެކު ކެލާގައި 2 ދުވަސް ހުރުމުގެ ފުރުސަތު ލިބިގެންދާނެ، އިންކްލޫސިވް އެހެނިހެން ހަރަކާތްތަކާއެކު. ދެން އެއާރ 2 ކޮޅު ޓިކެޓް އަދި ލޯންޗް ޓްރާންސްފާރ ގެ ޚަރަދުވެސް އަޅުގަނޑުމެން ދޭނަން."
އިންފާޒް ވިދާޅުވި އެވެ.
މި ޗެލެންޖަކީ ކެލާ ކައުންސިލާއި އެރަށުގައި ލޯކަލް ޓުއަރިޒަމްގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކާއި ގުޅިގެން ކުރިއަށް ގެންދެވޭ ޗެލެންޖެކެވެ. އެގޮތުން، މި ޗެލްނެޖުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ ބީޗް ހޯމް ކެލާ މޯލްޑިވްސް އާއި ހޮލިޑޭ ހޯމް ކެލާ މޯލްޑިވްސް، ކެލާ ޑައިވް، ނާޅި ސްޕޯރޓް ފިޝިންގް، ކެލާ ވޯޓަރ ސްޕޯރޓްސް އަދި ޝޭޑްސް އޮފް ބްލޫ އެވެ.
ކޮމެންޓުކުރައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ރިއެކްޓްސް ލިބޭ ފަރާތެއް އިއުލާން ކުރާނީ އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކަމަށް ކެލާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި އިއުލާނު ކުރާ ތާރީހާ ހަމައަށް ރިއެކްޓްސް ހޯދޭނެ ކަމަށާއި ރައްޓެހިންނާ އެހެނިހެން މީހުން ކާރިން އެދިގެންވިއަސް އަވަހަށް ކެލާގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކުން ވީހާަވެސް ގިނައިން ރިއެކްޓް ހޯދަންވީކަމަށް އިންފާޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!