ހއ. ކެލާގައި އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު 'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ.
މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ.
'ތިލަދުން' އަށް މައުލޫމާތުދެމުން ކެލާގައި ހުންނަ އެމާ ފިހާރަ ހިންގުމާއި ހަވާލުވެ ހުރި އަލީ ޒިޔާމް ބުނީ މި މުބާރާތުގެ މަގްސަދަކީ އަންހެނުން ބާރުވެރިކުރުމާއި ދުޅަހެޔޮ ބަޔަކަށް ހެދުމާއި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ އިތުރުން ވޮލީގެ ރޫހު އާލާކޮށް ހުނަރުވެެރި މޮޅު ކުޅުންތެރިން އުފެދި ގައުމީ ލެވެލްގައި ކުޅުމުގެ މަގު ފަހި ކޮށްދިނުން ކަމަށެވެ.
މީގެ އިތުރުން، މި މުބާރާތުގައި ކެލާގެ 4 ޓީމު ވާދަކުރަން ނިންމާފައިވާކަމަށް ޒިޔާމް ބުންޏެވެ.
އަދި މުބާރާތް އިންތިޒާމް ކުރާ ފަރާތުގެ ދައުވަތަކަށް ހއ. ވަށަފަރުގެ އަންހެން ވޮލީ ޓީމް މި މުބާރާތުގައި ވާދަކުރުމަށް ވަނީ ހަމަޖެހިފަ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މުބާރާތުގެ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އެރަށަށް ނިސްބަތްވާ ރެފްރީއަކާއި އެރަށު ފުލުހުންގެ ފަރާތުން ބައިވެރިވާ ތަޖުރިބާކާރު ރެފްރީއެއްކަމަށްވެސް ޒިޔާމް ފާހަގަކުރިއެވެ.
" މި މުބާރާތް ކުރިއަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް، އެންމެގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލްގައި ކުޅޭގޮތަށް "
ޒިޔާމް މައުލޫމާތުދިނެވެ.
އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ 'އެންޒެޑް އެމާ ކެލާ އިންވިޓޭޝަން' ވޮލީ މުބާރާތުގެ ފުރަތަމަ ފަހަރެވެ. މިފަހަރުގެ މުބާރާތުގެ ރަސްމީ މީޑިއާ ޕާރޓްނަރަކީ 'ތިލަދުން' މީޑިއާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!