ކުޅުދުއްފުށި ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ކާމިޔާބުކަމާއެކު ސްޕީޗް ތެރަޕީގެ ގްރޫޕް ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކޭއާރުއެޗްއިން މަޢުލޫމާތުދެއްވި ގޮތުގައި މިދިޔަ ހަފްތާގައި އެ ހޮސްޕިޓަލްގައި ވަނީ ސްޕީޗް ތެރަޕީއާއި އިންޓަރ އެކްޓިވް ލާރނިންގް ތެރަޕީ ގްރޫޕް ސެޝަންސްތަކެއް ކުރިއަށްގެންގޮސްފައެވެ.
ކޭއާރުއެޗްއިން ކުރިއަށްގެންދިއަ މިސެޝަންތަކުގައި އެ ގޮސްޕިޓަލުން ސްޕީޗް ތެރަޕީ އަދި އުނގެނުމުގައި ދަތިތައް ހުންނަ ކުދިންނަށް ފަރުވާދިނުމަށް ބޭނުންވާނެ ފަދަ އެކި ކަހަލަ ހަރަކާތްތައް ކުދިންނާއި އެކު ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ކުރެހުމާއި ލިޔަންވެސް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
އޭ.ޑީ.އެޗް.ޑީ ހުންނަ ކުދިންނަށް އެއްތަނެއްގައި ގިނަ ވަގުތު އިށީންދެ ތިބުމުގައި ދަތިތަކެއް ހުންނަ އިރު، މިފަދަ ޕްރޮގްރާމްތަކުން އެކުދިންނަށް އެއްތަނުގައި މަޑުން އިނދެގެން މަސައްކަތްކުރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ތެރަޕިސްޓުން ފާހަގަކުރެއެވެ.
ކުރެހުމާއި ކުލަ ޖެއްސުމުގެ ހަރަކާތްތަކެއް ކުޑަކުދިންގެ މެދުގައި މި ސެޝަންތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު، ކުރެހުން ނުވަތަ ލިއުން އަދި ކުލަ ޖެއްސުމަށް އަތުގެ އިނގިލިތައް ބޭނުން ކުރެވޭއިރު، މިކަމުން ކުއްޖާއަށް އަތާއި އެއްވަރަށް ލޮލުގެ ބޭނުން ކުރުމަށް އެހީތެރިވެދޭނެކަމަށާއި، މިއީ އެކުދިން ޝަޢުގުވެރިވާނެފަދަ ހަރަކާތަކަށްވާކަމަށްވެސް ތެރެޕިސްޓުން ފާހަގަކުރެއެވެ. މިފަދަ ޕްރޮގްރާމްތަކުން ކުދިންގެ ގައިގައި ހުރި ހުނަރުވެރިކަމާއި، ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ ކުއްޖާއަށް ކުރިއަށްދެވިދާނެ މަގުތައް ފާހަގަކުރުމަށް އެހީތެރިވެދެއެވެ.
މިތެރަޕީތަކުގެ ބޭނުމަކީ، ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން އިތުރު ހަރާކާތްތަކުގައި ބައިވެރިކޮށް އެކުދިންގެ ގައިގައި ހުރި ހުނަރުވެރިކަން ފާޅުކުރުމަށް އެހީތެރިވެދޭނެ ޕްރޮގްރާމްތަކެކެވެ.
ކޭއާރުއެޗްއިން 150 އަށްވުރެ ގިނަ ކުދިން ސްޕީޗް ތެރަޕީ ނަގަމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާއިރު، އެ ހޮސްޕިޓަލުގައި ސްޓްރޯކް ޖެހި ޕެރަލައިޒްވެފައިވާ މީހުންނަށްވެސް ފަރުވާދެމުން އަންނަކަމަށާއި، ވާހަކަ ދެއްކުމުގެ އުނދަގޫ ހުންނަ މީހުންނަށްވެސް ތެރަޕީ ދެމުން އަންނަ ކަން އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތުދެއްވާފައެވެ.
ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށުންވެސް ޚާއްސަ އެހީއަށް ބޭނުންވާ ކުދިން އެހޮސްޕިޓަލުން ތެރަޕީތައް ނަގަމުން އަންނަކަން އެ ހޮސްޕިޓަލުގެ ސްޕީޗް ޑިޕާޓްމަންޓްއިން ހާމަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!