ށ. މިލަންދޫ މާކޯ ރައްދަނޑު އޮންނަ ސަރަހައްދަކީ ވަކި ސަރަހައްދެއްގެ ގޮތުގައި މިލަންދޫ ކައުންސިލުން ކަނޑައަޅައިފިއެވެ.
މިކަން މިގޮތަށް ނިންމީ އެ ރުއްދަނޑަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާތީ އެކަން ހައްލު ކުރުމަށްޓަކައި އެރަށު ކައުންސިލްގެ 4 ވަނަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ.
އަދި އެ ނިންމުމުގައި ވާގޮތުން މާކޯ ރުއްދަނޑު ވަކި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާ އިން ކަނޑައެޅުމަށް ފަހު ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާތިފް 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެރަށު މާކޯ ރުއްދަނޑަކީ ބަންޑާރަ ބިމެއްގައި އިންދާފައި ކައުންސިލްގެ ބެލުމުގައި އޮތް ރުއްދަނޑެއްކަމަށާއި އެ ސަރަހައްދުގައި ހުރި ރައްޔިތުންގެ ރުއްތައް މިމަހުގެ 21 ވީ އަންގާރަ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެތަނުން ނެގުމަށް އަންގާފާ ވާނެކަމަށެވެ.
އަދި ދެވިފާވައި މުއްދަތުގެ ތެރޭގައި އެތަނުން އެ ރުއްތައް ނުނަގައިފި ނަމަ، އެ ރުއްތަކަކީ ކައުންސިލްގެ މުދާގެ ގޮތުގައި ކަނޑައަޅާ 5 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފާވާކަންވެސް އާތިފް ފާހަގަކުރެއްވިއެވެ.
" ބަންޑާރަ ބިމެއްގަ ހުއްދަ ނެތި ރުއް އިންދުމަކީ މަނާކަމެއް. އަޅުގަނޑުމެން މިދެނީ ވަކި މުއްދަތެއްގެ ތެރޭގައި އަމިއްލަ ރުއްތައް ނެގުމަށް." އާތިފް ވިދާޅުވިއެވެ.
އެ ސަރަހައްދުން ރުއްތައް މީގެ ކުރިން ކުއްޔަށް ދެވި މުއްދަތުހަމަވުމުން، ބައެއް ފަރާތްތަކުން އެ ސަރަހައްދަށް ވަދެ ރުއްތަކުން ރޯފަން ކަނޑާކަމަށްވެސް އާތިފް ވިދާޅުވިއެވެ.
އަދި މި ސަރަހައްދުން އިން ކަނޑައަޅާއި ކުއްޔަށް ދޫކުރާނީ ބިޑް ކޮމިޓީން ދިރާސާ ކޮށް ހުށަހަޅާ ބިޑް ތަކުގެ ތެރެއިން އެންމެ ގާބިލް ބަޔަކަށް ކަމަށްވެސް އާތިފް ފާހަގަކުރެއްވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!