އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާގެ ފަރާތުން އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑަކާއި، ޒަމާނީ ވޮލީ ކޯޓެއް ތަރައްޤީ ކޮށްދޭން ނިންމައިފިއެވެ.
އިމަގު ޖަމްޢިއްޔާއަށް މި އަހަރުގެ ޖޫން މަހު ފަންސަވީސް އަހަރު ފުރިފައިވާއިރު، އެ ޖަމްޢިއްޔާއަށް ފަންސަވީސް އަހަރު ފުރުމުގެ މުނާސަބާއާއި ގުޅިގެން ގިނަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.
އިހަވަންދޫގައި ޒުވާނުން ކުޅިވަރު ކުޅުމަށް މިހާރު ހުރި ފެސިލިޓީސް މަދުވުމުގެ ސަބަބުން އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އިމަގުން އިސް ނަގައިގެން އެ ރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޒަމާނީ ވޮލީ ކޯޓާއި ޒަމާނީ ފުޓްސަލް ދަނޑު ތަރައްޤި ކުރުމަށް ބޭނުންވާ ބިން މިހާރު އިހަވަންދޫ ކައުންސިލުން ވަނީ ހަމަޖައްސައި ދީފައއެވެ. މި އެއްބަސް ވުމުގައި އިމަގާއި އިހަވަންދޫ ކައުންސިލުން ސޮއި ކޮށްފައި ވަނީ 20 ސެޕްޓެމްބަރ 2021 ވީ ހޯމަ ދުވަހުއެވެ.
މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން އިމަގު ޖަމްޢިއްޔާގެ މީޑިއާ ކޯޑިނޭޓަރ ސައުދުﷲ އަޙްމަދު ރަޝީދު ވިދާޅުވެފައި ވަނީ އިހަވަންދޫއަކީ ޒުވާނުން ގިނަ ރަށަކަށް ވެފައި މިވަގުތު އެ ރަށުގައި ފުޓްސަލް ކުޅުމަށް އޮތީ އެންމެ ދަނޑެއް ކަމަށެވެ. ހަމަ މިގޮތުން ވޮލީ ކުޅެން ވެސް އޮތީ އެންމެ ކޯޓެއް ކަމަށެވެ. ވުމާއެކު ޒުވާނުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ފެސިލިޓީ އެކަށީގެންވާވަރަށް ރަށުގައި ނެތުމުގެ ސަބަބުން އެކަން ހައްލު ކުރުމަކީ މިކަމުގެ އެއް މަޤުޞަދު ކަމަށެވެ. މީގެ އިތުރުން އިމަގު ޖަމްޢިއްޔާއަށް 25 އަހަރު ފުރުމާއި ގުޅިގެން ރަށުގެ ގިނަބަޔަކަށް ގިނަ ދުވަހަށް މަންފާކުރުވަނިވި މިފަދަ ކަންކަން ކުރުމަކީ ވެސް އިމަގުގެ އަމާޒެއް ގޮތުގައި ސައުދުﷲ ވަނީ ފާހަގަ ކުރައްވާފައެވެ.
ސައުދުﷲ އިތުރަށް ވިދާޅުވެފައި ވަނީ ފުޓްސަލް ދަނޑާއި ވޮލީ ކޯޓްގެ މައިގަނޑު މަސައްކަތް ނިންމާލެވޭވަރުގެ ބަޖެޓެއް އެ ޖަމްޢިއްޔާއަށް ހެޔޮއެދޭ ފަރާތްތަކުން މިހާރު ވެސް ހަމަޖައްސައި ދީފައިވާ ކަމަށެވެ. ވުމާއެކު އުންމީދަކީ މާ ލަސްތަކެއްނުވެ މި މަސައްކަތް ނިންމައި ރަށުގެ ޒުވާނުންނަށް އެ ތަންތަނުގެ މަންފާ ލިބިގެން ދިޔުނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!