ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި "ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު އެ މަސައްކަތުގައި ކުރިއަށް ދަނީ ސިޔާސީ ފިކުރު އެކަހެރިކޮށް ރަށުގެ ކުރިމަގަށްޓަކައި އެއްބައިވަންތަ ރޫހެއްގައެވެ.
ފިއްލަދޫ ރައްޔިތުންގެ ފަރާތުން މިއަދު ހުށަހެޅި ޕެޓިޝަންގައި އެދިފައި ވަނީ ކުރިން އޮތްގޮތަށް ދައްޕަރަކީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ތަނެއް ގޮތުގައި ކަނޑައަޅުއްވައި ދެއްވައި، އެ ނިންމުން ރުޖޫއަކޮށް ދެއްވުމަށެވެ.
"ސޭވް ދައްޕަރު" ޕެޓިޝަން މަޖިލީހަށް ހުށަހެޅުމަށްފަހު މަޖިލިސްކުރާ ގޭގެ ބޭރުގައި "ތިލަދުން"އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި އެ މަސައްކަތުގައި އިސްކޮށް އުޅުނު ޓީމުގައި ހިމެނޭ މުޙައްމަދު ވަހީދު ބުނީ ލާމަރުކަޒީ ޤާނޫނުގައިވާ ގޮތުގެމަތީން ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އިރު ފިއްލަދޫގެ މުޅިފަޅާއި ފިއްލަދޫގެ ހުރިހާތަނެއް އޮތީ ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ކަނޑައަޅުއްވާ ދެއްވާފައި ކަމަށެވެ.
ދައްޕަރު ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް ރައީސުލްޖުމްޙޫރިއްޔާގެ ގަރާރެއް މިދިޔަ އޯގަސްޓްމަހުގެ 29 ވަނަ ދުވަހު ނެރުއްވީ ކުއްލިއަކަށް ކަމަށާއި، އެއިރު އައު ކައުންސިލާއެކު ފިއްލަދޫގެ ތަރައްގީގެ ޕްލޭންއާއި ލޭންޑް ޔޫޒު ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކައުންސިލާއި، ރައްޔިތުން ގުޅިގެން ދިޔައީ ކުރަމުން ކަމަށް އޭނާ ބުންޏެވެ.
https://thiladhun.wonstasite.com/73426
ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރެއްވި ހިސާބުން ފެށިގެން އެރަށު ކައުންސިލުން އެ ނިންމުން ބާތިލް ކުރެއްވުމަށް އެދި މަސައްކަތް ފެއްޓެވިއެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރުނެވެ. އެކަން ހިނގާފައި ވަނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެހިސާބުން ޕެޓިޝަނެއް ވެސް ހިނގައިގަތެވެ.
މުހައްމަދު ވަހީދު މިއަދު ކިޔައިދިން ގޮތުގައި މި ޕެޓިޝަންގެ މަސައްކަތް ފެށީ ރަށުގެ ޒުވާނުންނާއި، ކައުންސިލާއި، އަދި ރަށުގައި ހަރަކާތްތެރިވާ ދެ ސިޔާސީ ޕާޓީކަމަށްވާ އެމްޑީޕީއާއި، ޕީޕީއެމް ގުޅިގެން ވަތަނީ ރޫހެއްގައި އެއް އަޒުމެއްގައި ކަމަށެވެ.
"ސަތޭކަ ޕަސެންޓް ރަށުކައުންސިލްގެ އިންވޯލްވުން އޮވެގެން މިގެންދިޔައީ، ކައުންސިލް ރައީސާ، ނައިބު ރައީސާ، ކައުންސިލް މެންބަރުންނާ، ރަށުގައި އުފެދިފައިހުރި ޖަމިއްޔާ ޖަމާއަތްތަކާއި، މިހެންގޮސް ލީޑުކުރަން ރަށުގައި ތިބި އެންމެން މަސައްކަތާއެކު ހުރިހާ ފަރާތްތަކުގެ އެހީތެރިކަން ލިބިގެންދިޔަ، ވަރަށް ޖޯޝްގައި މިކަން ދިޔައީ" މުހައްމަދު ވަހީދު ބުންޏެވެ.
މިއަދު ހުށަހެޅި ޕެޓިޝަނުގައި ސޮއިކޮށްފަވަނީ ފިއްލަދޫގައި ދިރިއުޅޭ ފަރާތްތަކާއި، މާލެއާއި މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކެވެ. ރިސޯޓްތަކާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެރަށުގެ ރައްޔިތުން ދިރިއުޅެމުންދާއިރު ޕެޓިޝަންގެ ހާޑްކޮޕީ އެފަރާތްތަކަށް ފޯރުކޮށް ދެވުމަކީ ވަރަށް ދަތިކަމަކަށްވާއިރު، މި ޕެޓިޝަންގައި ވަނީ އެރަށުގެ ވޯޓުލާ އާބާދީގެ 3 ބައިކުޅަ 2 ބައި މީހުން ސޮއިކޮށްފައެވެ. ފިއްލަދޫގެ މިހާރުގެ އާބާދީއަކީ 1130 އެވެ. އެންމެ ފަހުން އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެރަށުން ވޯޓުލުމުގެ ހައްގު ލިބުނީ 780 މީހަކަށެވެ.
މީގެއިތުރުން އޮންލައިން ޕެޓިޝަނެއް ވެސް ކުރިއަށް އެބަދެއެވެ.
މުހައްމަދު ވަހީދު ވަނީ މި މައްސަލަ ސަމާލުކަމަށް ގެނައުމަށް މީޑިއާތަކުން އަދާކުރި ދައުރުވެސް ފާހަގަކޮށްފައެވެ. އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ދިން އެއްބާރުލުން ވެސް އޭނާ ފާހަގަކުރެއެވެ.
https://thiladhun.wonstasite.com/73273
ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ފިއްލަދޫ ރައްޔިތުންގެ ފަރާތުން ތައްޔާރުކުރި "ސޭވް ދައްޕަރު" ޕެޓިޝަން ރައީސް އޮފީހަށާއި، މަޖިލިސްއަށް މިއަދު ހުށަހަޅާފައިވާއިރު، ފިއްލަދޫ ކައުންސިލްގެ އިހްތިސާސް އިން ދައްޕަރު ވަކިކުރީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. ނަމަވެސް ދައްޕަރަކީ ފިއްލަދޫއާ އެއް ފަސްގަނޑަކަށް އޮންނަ ފިއްލަދޫގެ އުތުރުބައެވެ.
މި މައްސަލާގައި ފިއްލަދޫ ކައުންސިލާއި އަދި އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުމަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަޙްމަދު ހަމްދާން ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައާއި ގުޅިގެން ވާހަކަ ދައްކަވަމުން ލާމަރުކަޒީ ގާނޫނުގެ އަސާސުތަކާއި ޚިލާފަށް ސަރުކާރުން ކަންކަން ކުރުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހު ފިއްލަދޫ ކައުންސިލާއި ކަމާބެހޭ ސަރުކާރުގެ ވުޒާރާތަކާއެކު ވަނީ އެމައްސަލާގައި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ މަޝްވަރާތަކަށްފަހު ފިއްލަދޫ ރައްޔިތުންގެ އެދުމާއެއްގޮތަށް ދައްޕަރުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ފިއްލަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!