ހއ. ކެލާ ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރަށްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށް އެރަށު އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީން ވިދާޅުވެއްޖެ އެވެ.
އެ ކޮމިޓީން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އެ ސަރަހައްދު ތަރަށްގީ ކޮށްދެން ޖެހޭނީ އެ ކޮމިޓީން ދެއްވާ މައުލޫމާތާއި އެއްގޮތަށް އެ ފަރާތެއްގެ އަމިއްލަ ތަކެތީގައި ކަމަށެވެ.
މިފަދައިން އެ މަސައްކަތް ކޮށްދެން ޝައުގުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފު ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ ކޮމިޓީން އެދިލެއްވިއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިހިނގާ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުން 27 ވަނަ ދުވަހަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް އެ އިދާރާގެ ކައުންޓަރަށް ގޮސް ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށްވެސް އެ ކޮމިޓީން ވިދާޅުވިއެވެ.
ކެލާ އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމިޓީން އެރަށު ތުނޑީގައި ޕިކްނިކް ދާނެ ސަރަހައްދެއް ތަރައްޤީކުރަން އިޢުލާންކޮށްފައިވާއިރު މިއީ ތުނޑީގެ ކޮން ސަރަހައްދެއްކަމެއް ބުނެފައެއް ނުވެއެވެ.
ކެލާގައި 100 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އެޅުމަށް ފެޑޯ ހޯލްޑިންގްސް އާއެކު ވަނީ މިއަހަރުގެ މާޗްމަހުގެ 16 ވަނަ ދުވަހު ސޮއިކޮށްފަ އެވެ. ކެލާ ތުނޑި ސަރަހައްދުގައި ޓޫރސްޓު ހޮޓާ ގާއިމް ކުރުމަށް 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދު ވަނީ ކަނޑައަޅައިފައެވެ.
އެރަށުގައި ދެ ޓޫރިސްޓު ހޮޓަލާއި 12 ގެސްޓްހައުސް އެޅުމަށް 10،000 އަކަފޫޓާއި 5000 އަކަފޫޓުގެ ބިން ވަނީ ކަނޑައަޅައިފަ އެވެ. ކެލައަކީ މިހާރުވެސް ޓޫރިޒަމްގެ ވިޔަފާރި ހިންގާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!