ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަފްޝަން ލަތީފް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި ބައްދަލުވުން އޮތީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައެވެ.
އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ބައްދަލުވުމުގައި ކުޅުދުއްފުށީގައި ކުރިޔަށްދާ ހާބަރ އެކްސްޕެންޝަން ޕްރޮޖެކްޓްގައި ފާހަގަވެފައި ހުރި މައްސަލަތައް ހައްލުކޮށް އަވަހަށް ބަނދަރު ބޭނުން ކުރެވޭނެގޮތް ފަހިކުރުމާއިގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މީގެއިތުރުން ކުރިއަށް ރޭވިފައިވާ ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރެވިފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މިބައްދަލުވުމުގައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް ހިންގުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައެވެ. މިގޮތުން އެލްޖީއޭ ގެ އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގެ އިތުރުން ސިވިލްސާރވިސް އޮނިގަނޑުގެ ތެރެއިން ކައުންސިލް އޮފިސަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވުމަށް އެލް.ޖީ.އޭ އިން މަސައްކަތް ކޮށްދެއްވުމަށް އެދިފައިވާނެ ކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!