ބަޔާން މިޔުނިކުން ބޯކުމް ކޮޅަށް 7 ލަނޑު ޖަހައި އެއްވަނައަށް

photo_2021-09-19_09-15-38

ޖަރުމަނު ބުންޑަސް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ  ޗެމްޕިއަން ބަޔާން މިޔުނިކާއި ވީއެފްއެލް ބޯކުމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ބަޔާނުން ކާމިޔާބު ކޮށްފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 7-0 ގެ ތަފާތު ބޮޑު ނތީޖާއަކުންނެވެ.

މި މެޗުގައި ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ވަނީ ބޯކުމްގެ ގޯލާއި އަމާޒުކޮށް 15 ހަމަލާއެއް ފޮނުވާލާފައެވެ. ބޯކުމްއަށް ބަޔާންގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.

މި މެޗުގައި ބަޔާނުން ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ 17 ވަނަ މިނެޓުގައެވެ. އެ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ. ދެވަނަ ލަނޑު 27 ވަނަ މިނެޓުގައި ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ކިމިޗެވެ. ތިންވަނަ ލަނޑު 32 ވަނަ މިނެޓުގައި މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ސާޖް ގްނަބްރީ ކާމިޔާބު ކޮށްދިންއިރު، ހަތަރު ވަނަ ލަނޑަކީ ބޯކުމްގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. ބަޔާނުން ފުރަތަމަ ހާފު ނިންމާލީ ވެސް ހަތަރު ލަނޑުން ކުރީގައި އޮވެގެންނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ބަޔާނަށް ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ އިތުބާރު ފޯވާޑް ލެވަންޑޯސްކީއެވެ. ހަވަނަ ލަނޑު ކިމިޗް ކާމިޔާބު ކޮށްދިންއިރު، ހަތްވަނަ ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޗޮއުޕޯ މޮޓިންއެވެ.

މި މޮޅާއިއެކު ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއިއެކު ބަޔާން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. ނަމަވެސް ދެވަނާގައި އޮތް ވޮލްފްސްބާގްއަށް އާދީއްތަ ދުވަހުގެ ރޭ ފްރެންކްފާޓް ބަލިކޮށްގެން އެއްވަނ އަށް ޖެހިލުމުގެ ފުރުޞަތު އެބައޮތެވެ. މި މެޗުން ބަލިވި ބޯކުމް މިވަގުތު އޮތީ ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ތާވަލުގެ 17 ވަނާގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *