ކެލިފޯނިއާގެ ޖަންގަލީގައި ރޯވެ އަނދަމުންދާ އަލިފާނުން އެސަރަހައްދުގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ގަސް ސަލާމަތްކުރުމަށް ފަޔަރފައިޓަރުން ހަރަކާތްތެރިވާންފަށައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ގަހުގެ ވަށައިގެން އެލުމިނިއަމް ބްލޭންކެޓް އަޅައި އަލިފާންގަނޑުން ގަސް ސަލާމަތްކުރުމަށްޓަކައި އެސަރަހައްދުގައި އަންނަނީ ގަސް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންނެވެ.
ނެޝަނަލް ފަޔަރ ކޯޑިނޭޓިންގ ގްރޫޕާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ކޭ.އެން.ޕީ ކޮމްޕްލެކްސް އަލިފާންގަނޑު ސެޕްޓެމްބަރުމަހު 10 ވަނަ ދުވަހު ކެލިފޯނިއާގެ ސެކުއޮއިއާ ނެޝަނަލް ޕާކުގައި ރޯވެ އަދިވެސް އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ގަދަ ވިދުމާއި، ގުގުރުމާއެކު އައި ކޮޅިގަނޑަކާއި އެކު ރޯވި މި އަލިފާންގަނޑުގެ އަސަރު ގާތްގަނޑަކަށް 4599 ހެކްޓަރުގެ ހިސާބަކަށް ކޮށްފައިވާކަމަށާއި، ރޯވި އަލިފާންގަނޑު ޖަންގައްޔަށް ފެތުރިފައިވާކަމަށް އެގްރޫޕުން ހާމަކޮށްފައިވެއެވެ. އަދި މިހާތަނަށް އައިރު އަލިފާންގަނޑު ނިއްވާލެވިފައިނުވެއެވެ.
މި އަލިފާންގަނޑުގެ މިސްރާބު ހުރީ ޖަންގަލީގެ އެންމެ ބޮޑެތި ގަސްތައް ހުންނަ ދިމާއަށްކަމަށާއި އަދި މިއީ ދުނިޔޭގެ އެންމެ ބިޔަ ބޮޑު ގަސްތައް ހުންނަ ސަރަހައްދުކަންވެސް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ނެޝަނަލް ޕާކުގެ ފަރާތުން މަޢުލޫމާތުދީފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބިޔަ ބޮޑު ގަހުގައި ގާތްގަނޑަކަށް 275 ފޫޓު ހުރިއިރު، ފުޅާ މިނުގައި 36 ފޫޓު ހުންނަ މިގަހަށް ގާތްގަނޑަކަށް 2200 ވަނީ ވެފައެވެ.
އަލިފާން ނިއްވާ ފަރާތްތަކުން އެސަރަހައްދުގައި ކެނޑިނޭޅި ހަރަކާތްތެރިވަމުން އަންނަ ކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.
ފާއިތުވި 2020 ވަނަ އަހަރުވެސް އެސަރަހައްދުގައި އަލިފާން ރޯވެ ގިނަ ގަސްތަކަށް ގެއްލުންވެފައިވާއިރު، 2015 ވަނަ އަހަރުވެސް އެ ޖަންގަލީގައި ރޯވެފައިވާކަމަށް ރިޕޯޓްތައްބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!