އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ލިވަޕޫލުން ޕެލަސްގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މި ސީޒަންގައި ލިވަޕޫލް އަދި ބަލިވެފައި ނުވާއިރު އެ ޓީމްގެ ފަރާތުން މި މެޗުގައި ވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުންވަނީ ޕެލަސްގެ ގޯލަށް ގިނަ ހަމަލާތަކެއް ވެސް ފޮނުވާލާފައެވެ.
މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ސަޑިއޯ މަނޭއެވެ. މިއީ މަނޭ ލިވަޕޫލަށް ކާމިޔާބު ކޮށްދިން 100 ވަނަ ލަނޑެވެ. މަނޭ މި އަދަދަށް ލަނޑު ޖަހާފައި މި ވަނީ ލިވަޕޫލަށް ކުޅެދިން 223 މެޗުންނެވެ. މަނޭވަނީ 43 އެސިސްޓްވެސް ކޮށްދީފައެވެ.
މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު ސަލާހްއެވެ. ލިވަޕޫލަށް މެޗުގައި އިތުރަށް ލީޑު ފުޅާކޮށްދީފައި ވަނީ 89 ވަނަ މިނެޓުގައި ނަބީ ކެއިޓާއެވެ.
މި ނަތީޖާއާއިއެކު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ ލިބުނު 13 ޕޮއިންޓާއިއެކު ލިވަޕޫލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. މެޗުން ބަލިވި ޕެލަސް އޮތީ 5 މެޗުން ލިބުނު 5 ޕޮއިންޓާއިއެކު ތާވަލުގެ 13 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!