އެޕަލް ކުންފުނިން ކޮންމެ އަހަރު ނެރޭ އާ އުފެއްދުންތަކުގެ ތެރެއިން މިއަހަރު ނެރޭ އާ އުފެއްދުންތައް ދައްކާލައިފިއެވެ.
މި އުފެއްދުންތައް ދައްކާލީ ރޭ ބޭއްވި ހާއްސަ އިވެންޓުގައެވެ. އެގޮތުންއައިފޯން 13 ސީރީޒް އާއި އެޕަލް ގަޑި ވަނީ ދައްކާލައިފައެވެ.
އައިފޯން 13 ޕްރޯގައި އޭ 15 ބަޔޮނިކް ޗިޕް ހިމަނައި މުޅިން އާ ތިން ކެމެރާ ވަނީ ހިމަނައިފަ އެވެ. ކެމެރާތަކަށް ގެނައި މި ބަދަލާއެކު ސިނެމަޓިކް ވީޑިއޯ ނެގުމާއި މެކްރޯ ފޮޓޯ ކޮލިޓީ ބޮޑުތަނުން ރަނގަޅުވެގެންދާނެއެވެ.
މިއީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް ބެޓެރީ ހިފަހައްޓާނެ ކަމަށް އެޕަލްއިން ވަނީ ބުނެފައެވެ.
އައިފޯން 13 ޕްރޯގެއަގު ފެށެނީ 999 ޑޮލަރު (ގާތްގަނޑަކަށް 15،500ރ. ) އަށެވެ. އަދި ޕްރޯ މެކްސް ފެށޭ އަގަކީ 1099 ޑޮލަރު (ގާތްގަނޑަކަށް 17،000ރ.) އެވެ.
މި ފޯނުތައް އަންނަ ހުކުރު ދުވަހުން ފެށިގެން ޕްރީ އޯޑަރަށް ހުޅުވާލާނެއެވެ. މި ފޯނުތައް ބާޒާރަށް ނެރޭނީ މި މަހު 24 ގައެވެ.
މި ފޯނުތަކުގެ ސްޓޮރޭޖް އެއް ޓެރަބައިޓާ ހިސާބަށް ލިބޭނެއެވެ. އެއީ 128 ޖީބީ، 256 ޖީބީ، 512 ޖީބީ އަދި 1 ޓެރަބައިޓެވެ.
އައިފޯން 13 އާއި މިނީގައި ވަނީ ކުރީގެ ފޯނުތަކާ އަޅާބަލާއިރު ޕަފޯމަންސް ވަރުގަދަކޮށްފައެވެ. އެގޮތުން، ފޮޓޯ އާއި ވީޑިއޯގެ ފެންވަރު މަތިކޮށްފައިވާއިރު ނޮޗް ވެސް ވަނީ ކުޑަކޮށްފައެވެ.
އައިފޯން 13 މިނީގެ ފެށޭ އަގަކީ 699 ޑޮލަރު (ގާތްގަނޑަކަށް 10،800ރ.) އެވެ. އައިފޯން 13 ގެ ފެށޭ އަގަކީ 799 ޑޮލަރު (ގާތްގަނޑަކަށް 12،400ރ.) އެވެ.
ރޭގެ ހަފްލާގައި އެޕަލް ވޮޗް ސީރީޒް 7 ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ގަޑިއަކީ ސީރީޒް ހަޔަކާ އަޅާބަލާއިރު 40އިންސައްތަ ތުނި އަދި ސްކްރީން ސައިޒު 50 އިންސައްތަ ބޮޑު ގަޑިއެކެވެ.
މީގެ އިތުރުން މި ގަޑީގެ ފިޓްނެސް އެޕާއި އެހެން ފީޗާތައް ވެސް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ރަނގަޅުކޮށްފައެވެ.
މި ގަޑިގައި ސްކްރީން ތަޅައިގެން ދިއުމުގެ ފުރުސަތު ކުޑަވެފައި ޑަސްޓް ޕްރޫފްވާނެއެވެ. އަދި ކުރީ ގަޑިތަކަށްވުރެ 33 އިންސައްތަ އަވަހަށް ޗާޖުކޮށްލެވޭއިރު 18 ގަޑިއިރު ބެޓެރީ ހިފަހައްޓާނެއެވެ. މީގެ އަގަކީ 399 ޑޮލަރު (6152ރ.) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!