ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާއާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ތިން މީހަކަށް ދައުވާ ކޮށްފިި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު މީޑިއާތަކަށް ވިދާޅުވީ، މިއަދު ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީ އާއި އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގަށެވެ.

Ad
rt

މި ތިން މީހުންގެ ތެރެއިން އެންމެ ގިނަ ދައުވާކޮށްފައިވަނީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ އިސްހާގަށެވެ. އޭނާއަށް ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.

ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށް ސާބިތުވެއްޖެ ނަމަ 12 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އެއީ 17 އަހަރާއި 20 ދެމެދުގެ ޖަލު ހުކުމެކެވެ.

ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި، ދެވަނަ ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެހަތަރު ވަނަ މާއްދާގެ (ށ) ގެ އެއްވަނަ ނަންބަރާއި، ދެ ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މީގެ ކުރިން ދައުވާ ކޮށްފައި ވަނީ ބޮން ގޮއްވާލިކަމަށް ބުނާ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި އޭނާއަށް ފިލަން އެހީވި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި ސައިކަލުގެ ވެރިފަރާތް ކަމަށްވާ ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ އިތުރުން ބޮން ސައިކަލުގައި ހަރު ކުރި ކަމަށް ބުނާ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމްގެ މައްޗަށެވެ.

6 މެއިގައި ރައީސް ނަޝީދަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދިވެސް ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.