ބެންޒެމާ ހެޓްރިކް، ސެލްޓަ ވީގޯ އަތުން ރެއާލަށް ބޮޑު މޮޅެއް

photo_2021-09-13_14-11-42

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ.

ރެއާލްގެ ރަސްމީ ދަނޑުކަމުގައިވާ ސަންޓިއާގޯ ބާނަބެއުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ނަތީޖާއަކުންނެވެ. ރެއާލްގެ ރަސްމީ ދަނޑުގައި މެޗެއް ކުޅެފައި މި ވަނީ މަރާމާތަށް ބަންދުކޮށްފައި އޮންނަތާ 560 ދުވަސް ފަހުންނެވެ. އެ ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅެފައި 2020 ވަނަ އަހަރުގެ މާޗު މަހު އެއްވަނަ ދުވަހު ރެއާލްއާއި ބާސާ ބައްދަލުކުރި އެލްކުލެސިކޯ މެޗެވެ.

ރޭގެ މެޗުގެ ދެ ޓީމްގެ ފަރާތުން އަވަސް ގޭމެއް ފެނިގެން ގޮސްފައިވާއިރު، ސެލްޓާއިން މެޗުގެ ވަރަށް ކުރީކޮޅު ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. ރެއާލްގެ ޑިފެންސް ތެރެއިން ހެދުނު ގޯހެއްގެ ފައިދާނަގައި މި ލަނޑު ހަތަރު ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސަންޓި މިނާއެވެ. ނަމަވެސް 24 ވަނަ މިނެޓުގައި ބެންޒެމާ ވަނީ ލަނޑު ޖަހައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެލްޓާއިން ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ފްރެންކޯ ސާވީއެވެ.

ރެއާލުން ދެވަނަ ހާފަށް ނުކުމެފައި ވަނީ އެއް ލަނޑުން ފަހަތުގައި އޮވެއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ރެއާލުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. މި ލަނޑު ގުޓިއަރޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ.

ރެއާލް ކޮޅަށް މެޗުގެ ނަތީޖާ އެނބުރިގެން ދިޔައީ މެޗުގެ 55 ވަނަ މިނެޓުގައި ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ވިނީސިއަސް ޖޫނިއާރ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އެ ޓީމަށް ލީޑު ފުޅާ ކޮށްދީފައި ވަނީ މި ސީޒަނަށް އެ ޓީމާއި ގުޅުނު އުމުރުން 18 އަހަރުގެ ފްރާންސް މިޑްފީލްޑަރ އެޑުއާޑޯ ކަމަވިންގާއެވެ. މިއީ ކަމަވިންގާ ރެއާލަށް ކުޅެދިން ފުރަތަމަ މެޗެވެ.

ރެއާލްގެ ތަޖުރިބާކާރު ފޯވާޑް ބެންޒެމާ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައި ވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއިއެކު ރެއާލް މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ އެއްވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ދެވަނާގައި ވެލެންސިއާ އަދި ތިންވަނާގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ ވެސް އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ސެލްޓާ މިވަގުތު އޮތީ ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ތާވަލުގެ 18 ވަނާގައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.