ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ގިނަ ބަޔަކު ކުރިމަތިލައިފި، އިނާމް ދޭނީ ދެ މުނާސަބަތެއްގައި

Gaumee Inaamu

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ގިނަ ބަޔަކު ކުރިމަތިލާފައިވާތީ އިނާމް ދޭނީ ދެމުނާސަބަތެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ރައީސް ޞާލިޙް މިގޮތަށް ނިންމަވާފައިމިވަނީ ޤައުމީ އިނާމާއި ބެހޭ ކޮމިޓީއާއި އެމަނިކުފާނު ބައްދަލުކުރައްވައި، ޤައުމީ އިނާމާއި، ދިވެހި ދަޢުލަތަށް ޙިދުމަތް ކުރުމުގެ އިނާމާއިބެހޭ މަސައްކަތް ކޮމިޓީން ކުރިއަށް ގެންދަވާގިތާއި ބެހޭގޮތުން ކޮމެޓީގެ މެންބަރުންނާއި މަޝްވަރާ ކުރުމަށް ފަހުގައިކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ދިވެހި ދަޢުލަތަށް ޙިދުމަތް ކުރުމުގެ އިނާމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިދިޔަ އޮގަސްޓްމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، ޖުމްލަ 270 ބޭފުޅުން ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އަދި ޤައުމީ އިނާމަށް މިއަހަރު 72 ބެފުޅަކު ވަނީ ފޯމު ހުށަހަޅާފައެވެ.

ޤައުމީ އިނާމާއިބެހޭ ކޮމެޓީއާއި ރައީސް ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ދަޢުލަތަށް ޙިދުމަތްކުރުމުގެ އިނާމަށް މިހާ ގިނަ ޢަދަދެއްގެ ބޭފުޅުން ކުރިމަތިކެއްވިކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅޭ ގޮތުން ކޮމިޓީގެ ޙިޔާލު ހޯއްދެވުމަށްފަހު، އެއް ޖަލްސާއެއްގައި އެހާ ގިނަ ޢަދަދެއްގެ ބޭފުޅުންނަސް އިނާމު ނުދެވޭނެތީވެ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގެ އިތުރުން، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައިވެސް މި އިނާމް ދެއްވުމަށް ރައީސް ޞާލިޙް ވަނީ ނިންމަވާފައެވެ.

މިކޮމިޓީގެ ޗެއަރޕާސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ވިދާޅުވީ، ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް މިހާރު ނިމުމަކާއި ހިސާބަށް އައިސްފައިވާކަމަށެވެ. އަދި ދިވެހި ދަޢުލަތަށް ޙިދުމަތްކުރުމުގެ އިނާމާއި ގުޅޭ ގޮތުން އެމަނާ ވިދާޅުވީ، މިއީ މި އިނާމަށް ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރުކަމަށްވާތީ ފޯމު ފުރިހަމަ ކުރެއްވުމުގައި ބައެއް ބޭފުޅުންނަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވިކަން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ފޯމާއި އެކު ހުށަހަޅުއްވަންޖެހޭ ބައެއް ލިޔެކިޔުންތައް އެބޭފުޅުންނަށް ހުށަހެޅުއްވިފައިނުވާތީއާއި، އަދި ވަރަށް އިޚްލާޞްތެރި ޙިދުމަތްތަކެއް ކުރައްވާފައިވާ މިފަދަ އިނާމެއް ލިބިވަޑައިގަތުން ހައްޤު ގިނަ ބޭފުޅުން ތިއްބެވުމާއި އެކު، ފޯމުގައި ހިމެނޭ އެކުބައިތަކާއި ގުޅޭގޮތުން އިތުރަށް ހޯދަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުއްވުމަށް އެބޭފުޅުންނަށް އިތުރު ފުރުޞަތެއް ދެއްވަން ކޮމިޓީން ނިންމެވީކަމަށް އަނީސާ އަޙްމަދު ވިދާޅުވެފައިވެއެވެ.

ދަޢުލަތުގެ މުއައްސަސާތަކުން ހުށަހަޅުއްވާފައިވާ ފޯމުތަކުގެ ތެރެއިން ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތާކާއި ގުޅޭގޮތުން އިނާމާއިބެހޭ ކޮމިޓީއިން އެ މުއައްސަސާތަކާއި އަދި އަމިއްލަގޮތުން ނަން ހުށަހެޅުއްވި ބޭފުޅުންނާއި ކޮމިޓީއިން އަކަންކަން ޙިއްސާ ކުރައްވާނެކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *