ކޯވިޑް-19އާ ގުޅިގެން ހދ. ނޮޅިވަރަންފަރު މޮނިޓަރިން އަށް ލާފައި އޮތުމަށް ފަހު ރަށް އެ ހާލަތުން ނެގިޔަސް، ކޯވިޑް ފެތުރުން ކޮންޓްރޯލްކޮށް ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެނބުންމަތީ ދެމި ތިބުމަށް ނޮޅިވަރަންފަރު ޓާސްކްފޯހުން އިލްތިމާސްކޮށްފިއެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު އެ ރަށުން ޕޮޒިޓިވް ކޭހެއް ފެނި ރަށް މޮނިޓަރިން އަށް ލުމަށް ފަހު މޮނިޓަރިން އިން ނެގީ އިއްޔެއެވެ. އެކަމަކު އަދިވެސް ރަށުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނުނިމޭ ކަމަށް އެރަށު ސިއްހީ މަރުކަޒުން ވަނީ ހާމަކުރައްވާފައެވެ.
އެކަމާ ގުޅިގެން ޓާސްކްފޯހުން ނެރުނު ބަޔާނުގައި ވަނީ މޮނިޓަރިން އުވާލާފައި ވީނަމަވެސް މިހާރު ރަށުގެ ހާލަތާއި ގުޅިގެން ޓާސްކްފޯސް އިން އެ ރަށުގައި މިހާރު ޢަމަލުކުރުމަށް ނިންމާފައިވާ އެއްވެސް ޢުޞޫލަކަށް ބަދަލުގެނެވިފައި ނުވާކަމަށެވެ.
އެހެންކަމުން ޓާސްކްފޯސް އިން ވަކިގޮތެއް އަންގަންދެން ކުރިއެކޭ އެއްގޮތަށް މިކަމުން ރައްކާތެރިވުމަށް ރައްޔިތުންގެ ފަރާތުން ދެމުންއައި އެއްބާރުލުން ކުރިއަށްއޮތްތާވެސް ދެމުންގެންދިއުމަށް އެދިފައެވެ.
https://thiladhun.wonstasite.com/72459
އެ ރަށު ކައުންސިލުން ބުނިގޮތުގައި ރަށް މޮނިޓަރިން އިން ނަގާފައި ވަނީ ކައުންސިލާ ވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިއެވެ. އަދި ރަށުގެ ހާލަތު ރަނގަޅު ނޫން ކަމަށާއި، ކޮންޓެކްޓް ޓްރޭސިން ނުނިމެނީސް މޮނިޓަރިން އިން ނެގުމަކީ ބަލި ފެތުރުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވާނެ ކަމެއްކަން ފާހަގަކޮށްފައިވެއެވެ.
އެރަށުން މިހާތަނަށް 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ރެންޑަމް ސާމްޕަލާއި، ފްލޫ ސާމްޕަލް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!