ށ. އަތޮޅުގައި ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ށ. އަތޮޅު ކައުންސިލުން ދަންނަވައިފިއެވެ.
ށ. އަތޮޅު ކައުންސިލުން މިގޮތަށް ރައީސް ޞާލިޙްގެ އަރިހުގައި ދެންނެވީ އިއްޔެ ރައީސް ޞާލިޙާއެކު އެކައުންސިލުން ބޭއްވެވި ބައްދަލު ކުރެއްވުމުގައެވެ.
ށ. ފުނަދޫގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ށ. އަތޮޅުގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކައުންސިލްގެ ފަރާތުން ސަރުކާރަށް ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެކަމުގައި ށ. އަތޮޅު ކައުންސިލުން ވަނީ ދަންނަވާފައެވެ.
މި ބައްދަލުކުރުމުގައި، ށ. އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުންނާއި، އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.
އެގޮތުން، އެ ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި އަތޮޅުގައިވާ ފަޅުރަށްތައް ދޫކުރުމުގައި ހުރި ކަންބޮޑުވުންތަކާއި، އަތޮޅުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށްވަނީ ދަންނަވާފައެވެ.
މީގެއިތުރުން އަތޮޅުގެ ދަތުރުފަތުރުކުރުމުގެ ނިޒާމު ހަރުދަނާކުރުމުގެގޮތުން ބޭނުންވާ ކަންކަމާއި، ށ. އަތޮޅު ހޮސްޕިޓަލްގެ ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަމާއި، ށ. އަތޮޅުގެ ތަޢުލީމީ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އަދި އަތޮޅު ކައުންސިލްގެ އޮފީހުގެ ޢިމާރާތުގެ ޖާގައިގެ ދަތިކަމާއި ގުޅޭގޮތުން ވަނީ ރައީސް ޞާލިޙަށް މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކުރައްވައިގެން މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އަދި ށ. ފުނަދޫ އެއަރޕޯޓުގައި ރޭގަނޑު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް މަސައްކަތްކޮށްދެއްވާނެކަމަށާއި، ށ. މިލަންދޫގައި މިނީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!