ށ. އަތޮޅު ހޮސްޕިޓަލުގައި އަނެއްކާވެސް ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އެ ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި ގައިނޮކޮލޮޖީއާއި ގުޅޭ ބޮޑު މިި ސާޖަރީއަކީ ވަރަށް އުނދަގޫ ސާޖަރީއެކެވެ. އެހެންނަމަވެސް، "ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ" ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލެވިފާ ވަކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. މިއީ މި ސާޖަރީ އެ ހޮސްޕިޓަލުގައި ހެދި 2 ވަނަ ފަހަރެވެ.
ސިއްހީ ލިއުންތަކުގައި ވާގޮތުން، "ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ" އަކީ އަންހެނާގެ ޔޫޓެރަސް ނުވަތަ ރަހިމު އަދި ސާވިކްސް އޮޕެރާޝަންކޮށް ނަގާ ސާޖެރީ އެކެވެ. އާންމުކޮށް މިފަދަ ސާޖަރީ ކޮށް އުޅެނީ ޔޫޓެރިން ކެންސާރ، ސާވިކަލް ކެންސާރ ނުވަތަ އޯވަރިއަން ކެންސާރ ފަދަ ބަލިތައް ޖެހިފާވާނަމައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ވިދާާޅުވި ގޮތުގައި މިފަހަރުގެ ސާޖަރީ ޕޭޝަންޓް ސާޖެރީ ކުރަން ޖެހުނީ އެ ޕޭޝަންޓް ގެ ޔޫޓެރަސްގައި ވަރަށް ގަަދަޔަށް "ޔުޓެރިން ފައިބްރޮއިޑްސް" އަދި "އެޑެނޯމިއޯސިސް" ހުރުމުގެ ސަބަބުން މެންސުރޭޝަން ނުވަތަ ހައިޟު ވުމާއި ގުޅިގެން އާދަޔާ ޚިލާފަށް ގިނައިން ލޭ އައިސް 'މެނޮރޭޖިއާ' ނުވަތަ 7 ދުވަހަށް ވުރެ ގިނަ ދުވަސްވަންދެން ލޭ އަންނާތީއެވެ. އަދި މިކަމުގެ ސަބަބުން ޕޭޝަންޓް ވަނީ 'ސިވިއަރ އެނީމިއާ' ނުވަތަ ހަށިގަނޑުގައި ރެޑް ބްލަޑް ސެލްސް ހުންނަ ވަރު މަދުވުމާއި ކުރިމަތިލާންޖެހިފަކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.
'ޔުޓެރިން ފައިބްރޮއިޑްސް' އަކީ އަންހެނާގެ ރަހިމުގައި ހުންނަ އޮމާން މަސްތަކުގައި އުފެދޭ ކެންސަރަށްނުވާ ޒާތުގެ ޓިއުމަރ ތަކެއްކަމަށް ސިއްހީ ބައެއް ލިއުންތަކުގައި ވެއެެވެ. އަދި 'އެޑެނޯމިއޯސިސް' ގެ ސަބަބުން ޔޫޓެރަސް އާދަޔާ ޚިލާފަށް ބޮޑުވެ ފަލަވާނެކަމަށްވެސް ސިއްހީ ލިއުންތަކުންގައި ބުނެފާވެއެވެ.
ސާޖެރީ ކުރި ޕޭޝަންޓް މިހާރު އަންނަނީ ރަނގަޅުވަމުންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވި އެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި ކުރެވުނު ބޮޑު މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި ކަމަށްޓަކާއި އެ ހޮސްޕިޓަލުންވަނީ އެ ސާޖެރީގައި ބައިވެރިވި ޓީމަށް ޝުކުރުދަންނަވާފައެވެ.
އެގޮތުން، ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވި ގައިނޮކޮލޮޖިސްޓް ޑރ. އެސްލަމް އައްބާސް އަދި އެނަސްތިއޮލޮޖިސްޓް ޑރ. އަޙްމަދު އެލްސަރަގް އަށްށާއި ހޮސްޕިޓަލުގެ އޮޕެރޭޝަން ތިއޭޓަރ (އޯޓީ) ގެ ޓީމަށް ވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ށ. އަތޮޅު ހޮސްޕިޓަލުން އަންނަނީ ބޮޑެތި ސާޖަރީ ތަކެއް ކާމިޔާބު ކުރަމުންނެވެ. އެގޮތުން، ދާދިފަހުން އެ ހޮސްޕިޓަލުން “ޓޯޓަލް އެބްޑޮމިނަލް ހިސްޓެރެކްޓޮމީ”ގެ ފުރަތަމަ ސާޖެރީ ކާމިޔާބު ކޮށްފާވެއެވެ. އަދި ކަރުގެ ބޮޑު އޮޕަރޭޝަނަކާއި ތައިރޮޑްގެ 7 ސާޖަރީ އެއް މީގެކުރިން އެ ހޮސްޕިޓަލުން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!