ށ. ފޭދޫގައި ފާނަބަސަންދު ފެތުރެމުންދާތީ އެރަށުގެ ރައްޔިތުން ސަމާލުވުމަށް ފޭދޫ ސިއްހީ މަރުކަޒުން އިލްތިމާސްކޮށްފިއެވެ.

މިގޮތުން ށ. ފޭދޫ ސިއްހީ މަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، އެ މަރުކަޒުގެ އޯ.ޕީ.ޑީއަށް ދައްކަމުން އަންނަ ބަލި މީހުންގެ ތެރޭގައި ފާއިތުވި ދެހަފްތާގައި ފާނަބަސަންދު ޖެހިގެން ދެމީހަކު ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ.

Ad
rt

ޗިކަން ޕޮކްސް ނުވަތަ ފާނަބަސަންދަކީ ވައިރަސްއެއްގެ ސަބަބުން ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއްކަމުން ބަލިން ރައްކާތެރިވުމަށް އެ މަރުކަޒުން ވަނީ ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މަރުކަޒުން ނެރެފައިވާ އިޢުލާންގައި ފާނަބަސަންދުޖެހުމަށް މަގުފަހިވާކަން ކަމުގެ ތެރޭގައި، ފާނަބަސަންދު ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ޖަރާސީމު ބޭރުވެ، އަދި ނޭވާ ލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ޖަރާސީމު ވާސިލްވެއްޖެ ނަމަ، އެމީހަކަށް ބަލި ޖެހޭކަމަށް ބުނެފައިވެއެވެ.

ފާނަބަސަންދު ޖައްސާ ޖަރާސީމުން އަތް ތަޣައްޔަރުވެފައި ހުއްޓާ، އެއަތް ނުދޮވެ، އަނގަ، ލޯ އަދި ނޭފަތުގައި ޖައްސައިފި ނަމަވެސް ފާނުބަސަންދު ޖެހިދާނެއެވެ. މީގެ އިތުރުން ފާނުބަސަންދު ޖެހުމުން ނަގާ ފޮޅުތައް ފެޅި އެއިން ބޭރުވާ ދިޔައިގައި ނުވަތަ ފެޅުމުން އުފެދޭ ފާރުކޮޅުގައި ބީހުމަކީވެސް ސަލާމަތުން ހުރި މީހާއަށްވެސް ފާނަބަސަންދު ޖައްސުވާނެކަމެއްކަމަށް ބުނެފައިވެއެވެ.

މިފަދަ ބަލި މީހުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި އާންމުންގެ ތެރޭގައި ނުކުމެ އުޅުމަކީ އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ބަލި ފެތުރުމުގެ މަގުފަހިވެގެންދާނެކަމަށްކަމަށްވެސް އިޢުލާންގައި ފާހަގަކޮށްފައިވެއެވެ.

ފާނަބަސަންދު ޖެހުމުން އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ބޯ އެނބުރުން، ވަރުބަލިވުން، ކަރު ތެރެ ފާރުވެ، ހަލާކުވުމާއި ކާހިތް ކެނޑުންފަދަ އަލާމާތްތައް ހިމެނެއެވެ.

މި ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު މިއަލާމާތްތައް ފެނުމާއި ދެމެދު 12 ނުވަތަ 16 ދުވަހުގެ މުއްދަތެއް ހިމެނެއެވެ.

އެހެންކަމުން މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެ މަރުކަޒަށް ގޮސް ޑޮކްޓަރަށް ދެއްކުމަށް އެ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ފާނަބަސަންދުން ރައްކާތެރިވުމަށް ކެއްސާ، ކިނބިހި އެޅުމުގައި އަނގަމަތި ނިވާކުރުމާއި، ބަލި ޖެހިފައިވާ މީހުންނާއި ދުރުގައި އުޅުމުގެ އިތުރުން ބަލި ޖެހިފައިވާ މީހާ ގޭގައި މަޑުކުރުމަށާއި، ބަލި ޖެހިފައިވާ މީހާ އެހެން މީހުންނާއި ވަކި ގެންގުޅުމަށާއި ބަލި ޖެހިފައިވާ މީހާ ބޭނުންކުރާ ތަކެތި ވަކިން ބެހެއްޓުމަށާއި ގިނަ ގިނައިން އަތް ދޮވުމަށް ފޭދޫ ސިއްހީ މަރުކަޒުގެ އިޢުލާންގައި އިރުޝާދުދީފައިވެއެވެ.