ހދ. ވައިކަރަދޫގައި ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

މި ޕްރޮގްރާމަކީ ވައިކަރަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މިދިޔަ ހަފްތާ ބަންދުގައި ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ދަރުސް ދެއްވާފައިވަނީ އައްޝެއިޙް ހުސައިން އަންޞާރު އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ނާޝިދާ 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ޕްރޮގްރާމުގައި 4 ބަޔަކަށް އަމާޒުކޮށްގެން ދަރުސް ދެވިފާވާނެކަމަށެވެ. އެގޮތުން، ސުކޫލް ކުދިންނާއި، ބެލެނިވެރިންނަށާއި ޒުވާނުންގެ އިތުރުން މިސްކިތުގައި ވެސް ދަރުސް ދެއްވިކަމަށް ނާޝިދާ ފާހަގަކުރެއްވިއެވެ.

ހުކުރު ދުވަހު ހުކުރު ނަމާދު އިމާމުވެ ކުރުމަށްފަހު، މި ޕްރޮގްރާމްގައި ޝެއިޙް ހުސައިން ވަނީ ގްރޭޑް 6 ން 10 އާއި ދޭތެރޭގެ ދަރިވަރުންނަށް އިސްލާމީ އަޚްލާގާއި ބެހޭގޮތުން ދަރުސް ދެއްވާފައެވެ. އަދި ހުކުރު ދުވަހުގެ މަޢްރިބް ނަމާދަށް ފަހު މިސްކިތުގައި 'ތައުޙީދު/ދީނީ ވާޖިބުތަކަށް ހުރުމަތް ތެރިކޮށް ހިތުން' މިނަމުގައި ދަރުސް ދެއްވާފައެވެ.

މީގެ އިތުރުން، ހުކުރު ދުވަހުގެ ރޭ ބެލެނިވެރިންނަށް އަމާޒުކޮށްގެން ދަރިންތަރުބިއްޔަތު ކުރުމާއި ބެހޭގޮތުން ދަރުސް ދެވުނު އިރު މި ޕްރޮގްރާމް ނިންމާލައިފާ ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 'ޒުވާނުންގެ ދައުރު' މި ނަމުގައި ވައިކަރަދޫގައި ދިރި އުޅޭޭ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުނު ދަރުހަކާއި އެކުގައެވެ.

މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލެވުނު ކަމަށްޓަކައި އަންހެނުންގެ ކޮމިޓީގެ ރައީސާ ނާޝިދާ ވަނީ އިސްލާމިކް މިނިސްޓްރީ އަދި ޝެއިޚް ހުސައިން އަންޞާރަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އަދި އަދާލަތު ޕާޓީ ވައިކަރަދޫ ގޮތްޕާއި ހދ. އަތޮޅު މަދަރުސާގެ އިތުރުން ވައިކަރަދޫގެ ކައުންސިލްގެ ފަރާތުން ލިބިލެއްވި އެހީތެރިކަން ފާހަގަކުރަށްވާ ނާޝިދާ ވަނީ އެ ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ވައިކަރަދޫ އަންހެނުންގެ ކޮމިޓީން އަންނަނީ އެރަށުގައި ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން، އެރަށުގެ އަންހެންވެރިންނަށް ޚާއްސަކޮށްގެން ކަސްރަތު ކްލާސްތަކެއް ނަގަމުން އަންނައިރު ހދ. އަތޮޅު މަދަރުސާގެ ރަސްމީ ޔުނިފޯރމް މި އަހަރު ބަދަލުވުމާއި ގުޅިގެން އެރަށު ސްކޫލުގެ ދަރިވަރުންނަށް ޔުނީފޯރމް ފަހައިދިނުމުގެ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކުރިއަށް އޮތްތާވެސް މިފަދަ ހަރަކާތްތައް އެ ކޮމިޓީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވާކަން ނާޝިދާ ފާހަގަކުރެއްވިއެވެ.