ކުޅުދުއްފުށި ސިޓީގައި ހިންގާ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިގެ ފަރާތުން މިވަގުތު މޮނިޓަރިންފެ ހާލަތުގައި އޮތް ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާކޮށްފިއެވެ.

'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވީ ކުޅުދުއްފުށީ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިން އެރަށު ރައްޔިތުންނަށް 1.2 ޓަނުގެ މަސް ހަދިޔާކުރެއްވި ކަމަށެވެ.

Ad
rt

އަދި މިހާރު ވަނީ ހުރިހާގެއަކަށް އެ މަސްތައް ބަހާ ނިންމާފަކަމަށްވެސް ސެންޓޭ ފާހަގަކުރެއްވިއެވެ. އެގޮތުން، މި މަސްތައް ބަހާފައިވަނީ ނޮޅިވަރަމުގައި މީހުން ދިރިއުޅޭ ކޮންމެ ގޭބީސީއަކަށް 3 ކިލޯ ގެ ރޭޓުން ކަމަށްވެސް އޭނާ ވިދާޅުވިއެެވެ.

" ކޮންމެ ގޭބީސީއަކަށް 3 ކިލޯ މަހުގެ ރޭޓުން ބެހީ. މިވަގުތު ކަރަންޓީނުގަ ހުރިގެތަކާ ހަމައަށް ވެސް މަސް ވަނީ ގެންގޮސްދެވިފަ."

ނައިބު ރައީސް ވިދާޅުވިއެވެ.

މި މަސްތައް ބެހުމުގައި އެ ރަށުގެ ރައްޔިތުންގެ ތެރެއިން ނިކުމަތް ވޮލަންޓިއަރުންގެ ޓީމާއި އެރަށުގައި ތިބި ފުލުހުން އަދި އެ ރަށު ކައުންސިލުން ހަަރަކާތްތެރިވކިކަމަށްވެސް ސެންޓޭ ވިދާޅުވިއެވެ.

ނޮޅިވަރަމު ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ މުޙައްމަދު މުޞްޠަފާ ތިލަދުން އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކުޅުދުއްފުއްޓަކީ އަބަދުވެސް މިފަދަ ދަނޑިވަޅުތަކުގައި ނޮޅިވަރަމަށް އެހީތެރިކަމުގެ އެހީތައް ފޯރުކޮށްދޭ ބައެއް ދިރިއުޅޭ ރަށެއް ކަމުގައި ފާހަގަ ކުރާކަމަށެވެ.

"މިދަނޑިވަޅުގައި ނޮޅިވަރަމުގެ ރައްޔިތުންނަށް އެހީތެރިކަމުގެ އަތްތައް ދިއްކޮށްލާ އެންމެހާ ފަރާތްތަކަށް ނޮޅިވަރަމް ކައުންސިލުން ޝުކުރު ދަންނަވަން"

މުޙައްމަދު މުޞްޠަފާ ވިދާޅުވި އެވެ.

މި ހައްސާސީ ދަނޑިވަޅުގައި ނޮޅިވަރަމް ކައުންސިލުން އެދިލައްވާ ކޮންމެ އެދިލެއްވުމަކަށް ފަސްޖެހުމެއްނެތި ހިލޭސާބަހަށް މަސައްކަތްކޮށްދެއްވާ އެންމެހާ ފަރާތްތަކަށް ނުހަނު ލޯތްބާއެކީ ޝުކުރުދަންނަވާކަމަށްވެސް މުޙައްމަދު މުޞްޠަފާ ވިދާޅުވި އެވެ.

ހަލުވިކަމާއެކު ކޮވިޑް-19 ރަށުތެރޭގައި ފެތުރެމުންދާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ހުސްވި އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނޮޅިވަރަމް މޮނިޓަރިންގެ ހާލަތައް ގެނެސްފައެވެ.

އެގޮތުން، މިއަދުވެސް އިތުރު 20 މީހުން ވަނީ އެރަށުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއަދަދާއެކު އެރަށުން މިހާތަނަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ އަދަދު މިވަނީ 141 އަކަށް އަރާފައެވެ.