ހދ. ނޭކުރެންދޫ އަދި ހދ. ނެއްލައިދޫގައި ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.
އެގޮތުން، ނޭކުރެންދޫ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތް މިއަދު ހެނދުނު ކުރިއަށް ގެންދެވުނު އިރު ނެއްލައިދޫގެ ގޮނޑުދޮށް ސާފުކޮށްފައިވަނީ އިއްޔެ ހެނދުނެވެ.
ނޭކުރެންދޫގައި މި ހަރަކާތް އިސްވެ އިންތިޒާމްކޮށްފައިވަނީ މިދިޔަ އަހަރު އެރަށަގުއި ހުޅުވުނު ޒާހިރު ސްޕޯޓްސް އެކަޑަމީގެ ފަރާތުންނެވެ.
ޒާހިރް ސްޕޯރޓްސް އެކަޑަމީގެ ރައީސް އަދި ނޭކުރެންދޫ ކައުންސިލްގެ މެންބަރު، މުޙައްމަދު ޒާހިރު "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހަރަކާތުގައި އެރަށު ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ބައެއް ރައްޔިތުން ބައިވެރިވެފައިވާކަމަށެވެ. އަދި މި ހަރަކާތުގެ މަގުސަދަކީ ރަނގަޅު ޖީލެއް ބިނާކުރެވި ރަނގަޅު މުސްތަގުބަލެއް އަދުގެ ދަރިވަރުންނަށް ބިނާކޮށްދިނުން ކަމުގައިވެސް ޒާހިރު ފާހަގަކުރެއްވިއެވެ.
" އަޅުގަނޑު ދެކޭގޮތުގައި ކުޅިވަރުތެރޭގައި މި ފަދަ ހުރިހާ ކަމެއް އަންނާނީ. މިފަދަ ހަރަކާތްތައް ހިންގައިގެން ކުދިން މިކަމަށް ހޭނި އެކުދިންގެ އުޅުމުގައި މިކަން އަށަގެންނުވޭނީ. އެހެނެވެ ރޭވުނު ހަރަކާތެއް ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތަކީ."
ޒާހިރު ސްޕޯރޓްސް އެކަޑަމީގެ ރައީސް ވިދާޅުވި އެވެ.
އަދި މި ހަރަކާތަކީ އެ އެކަޑަމީގެ ފަރާތުން ބޭއްވުނު ފުރަތަމަ އިޖުތިމާއީ ހަރަކާތް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދެވޭނެކަމަށް ޒާހިރު ވިދާޅުވިއެވެ. ނޭކުރެންދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވެދެއްވި އެހީ އާއި ބެލެނިވެރިން އަދި ދަރިވަރުން ދެއްވި އެއްބާރުލުމަށް ޒާހިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނޭކުރެންދޫގައި ކުރިއަށް ދިޔަ ހަރަކާތުގައި 65 މީހުން ވަނީ ބައިވެރިވެފައެވެ. އަދި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:15 އިން 9:30 އާއި ހަމައަށެވެ.
މީގެ އިތުރުން، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތްް އިންތިޒާމްކޮށްފައިވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެންނެވެ.
އެގޮތުން، އިއްޔެ ހެނދުނު 8:00 އިން 10:30 ކުރިއަށް ގެންދެވުނު މި ހަރަކާތުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އަލީފް 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހަރަކާތުގައި އެރަށުގައި ހިންގާ ސަރުކާރުގެ މުއައްސަސާތަކުންނާއި ސްކޫލުގެ ބައެއް ދަރިވަރުންގެ އިތުރުން އެރަށުގެ ބައެއް އާންމު ރައްޔިތުންވެސް ބައިވެރިވެފައިވާކަމަށެވެ.
" 4 ގްރޫޕަކަށް ބަހާލެވިގެން ކުރިއަށްގެންދެވުނުއިރު އެވަގުތުކޮޅުގެ ތެރޭގައި ރަށުގެ ގޮނޑުދޮށުގެ ބޮޑުބައެއް ސާފުކުރެވުނު. ގާތްގަނޑަކަށް ބުނަންޏާ ގޮނޑުދޮށުގެ 90% ނޫނީ 95% ވަރު ވާނީ ސާފުކުރެވިފަ."
އަލީފް ވިދާޅުވިއެވެ.
އަދި މިހަރަކާތުގައި ގޮނޑުދޮށާއި ހޭޅިފަށް ސާފުކުރެވުނު އިރު، ކުރިއަށް އޮތްތަނުގައި އެރަށުގެ މޫދު ސާފުކުރުމުގެ ހަރަކާތެއްވެސް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް އަލީފް ފާހަގަކުރެއްވިއެވެ. އެ ހަރަކާތްތަކަކީ ބޮޑަށް އެރަށުގެ ޒުވާން ފިރިހެނުންނަށް އަމާޒުކުރެވިގެން ކުރިއަށް ގެންދެވޭނެ ހަރަކާތެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިފަދަ ހަރަކާތްތަކުގައި ނެއްލައިދޫގެ ރައްޔިތުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރަށްވާ އަލީފް ވަނީ އޭނާގެ އަމިއްލަ ނަމުގައްޔާއި ކައުންސިލްގެ ހުރިހާ މުވައްޒަފުންގެ އިތުރުން އެރަށު އަންހެނުންގެ ކޮމިޓީގެ ފަރާތުން އެ ފަރާތްތަކަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!