"ސްޓާފް ހެލްތު ޗެލެންޖް" ގެ ނަމުގައި ށ. އަތޮޅު ހޮސްޕިޓަލުން ހަރަކާތެއް ފަށަން ނިންމައިފި އެވެ.

މި ހަރަކާތަކީ "ކެންސަރ އެވެއަރނެސް" މަސް ކަމަށްވާ އަންނަ އޮކްޓޯބަރު މަހާ ދިމާކޮށް އެ ހޮސްޕިޓަލުން ފަށަން ހަމަޖެހިފާވާ ހަރަކާތެކެވެ.

Ad
rt

ށ. އަތޮޅު ހޮސްޕިޓަލުން އާންމުކުރެއްވި ގޮތުގައި "ސްޓާފް ހެލްތު ޗެލެންޖް" ގެ ފުރަތަމަ ސީޒަން އަމާޒުކުރެވިފާވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ހަފްތާއެކު 5 ދުވަހު 30 މިނަޓު ހިނގުން ނުވަތަ ދުުވަން ޖެހޭނެއެވެ.

އަދި ސްމާރޓް ފޯނުގައި ބޭނުން ކުރެވޭ 'ސްޓްރާވާ' ނުވަތަ 'ސަމްސަންގް ހެލްތު' ފަދަ ދުވާ ވަރު ނުވަތަ ހިނގާވަރު ރެކޯޑުކުރެވޭ އެޕްލިކޭޝަނެއް މެދުވެރިކޮށް އެ ދުވަހަކު ކަސްރަތު ކުރެވުނު ވަރުގެ ސްކްރީން ޝޮޓެއް ފޮނުވަން ޖެހޭނެ ކަމަށާއި ބައިވެރިންގެ ބަރުދަންވެސް ރެކޯޑު ކުރެވެން ޖެހޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

ށ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު އިންޗާރޖް، އަޙްމަދު ޒާހިދު 'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ހަރަކާތަކީ ދުޅަހެޔޮ މުޢައްޒަފުން ބިނާ ކުރުމަށްޓަކައި ހިންގާ ހަރަކާތްތަކުގެ ތެރެއިން އެ މުވައްޒަފުން ކުޅިވަރަށް އަހުލުވެރިކޮށް ގަވާއިދުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުން އިތުރު ކުރުމުގެ ބޭނުމުގައި ހިންގޭ ހަރަކާތެއް ކަމަށެވެ.

އަދި މި ހަރަކާތް ކުރިއަށްދާނީ 1 މަސް ދުވަހުގެ މުއްދަތައް ކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްގެ އަމާޒެއް ކަމުގައިވާ "ދުޅަހެޔޮ ހަށިހެޔޮ" އަދި "25ން 25ށް" ކެމްޕޭންގެ ދަށުން ހިންގާ ޙަރަކާތެއްކަމަށްވެސް ޒާހިދު ފާހަގަ ކުރެއްވިއެވެ.

ހޮސްޕިޓަލްގެ މުޢައްޒަފުންނަކީ ބަލިމީހުންނާއި އެންމެ ގާތުން ޚިދުމަތްދޭ ބަލިމީހުންގެ އެންމެ ގާތް މީހުންކަމަށާއި ރައްޔިތުން ވެސް އެންމެ ގިނައިން ޞިއްޙީ ލަފާ ހޯދަނީ އެ ދާއިރާގައި މަސައްކަތް ކުރައްވާ މުޢައްޒަފުންގެ ފަރާތުންކަމަށް ވުމުން ކަސްރަތާއި ބެހޭ ގޮތުން ދަންނަ އަދި ދުޅަހެޔޮ ބަޔަކަށް ސިއްހީ ދާއިރާގެ މުޢައްޒަފުން ވާންޖެހޭނެކަން ޒާހިދު ފާހަގަކުރެއްވިއެވެ.

"މި ޙަރަކާތުން ހާސިލްކުރަން ބެނުންވާ ލަނޑުދަނޑިތަކުގެ ތެރޭގައި ކުޅިވަރާއި ކަސްރަތަށް އަޙުލުވެރި ކުރުވުމާއ،ި ޓީމްވޯކް ބިނާ ކުރުމާއި، ގައިން ގަޔަށް ނާރާ ބަލިތަށް ކޮންޓްރޯލްކުރުމަށް އެހީތެރިވުމުގެ އިތުރުން މުޢައްޒަފުންގެ މެދުގައި ސިއްޙީ ހޭލުންތެރިކަން އިތުރު ކުރުން ހިމެނޭ"

އަޙްމަދު ޒާހިދު މައުލޫމާތުދެއްވިއެެވެ.

އަދި މި އަހަރުގެ މި ހަރަކާތް އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް އަމާޒުވެފައި ވީނަމަވެސް އުންމީދަކީ ކުރިއަށް އޮތްތާ މިހަރަކާތް އަތޮޅު ފެންވަރުގައި ބޭއްވި އަދި ގައުމީ ފެންވަރުގައި ސިއްޙީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުންކަމަށް ޒާާހިދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2 ކެޓަގަރީ އަކަށް ބަހާލެވިފައެވެ. އޭގެތެރޭގައި އާންމު ކެޓަގަރީ އާއި ޑިޕާރޓްމެންޓް ކޭޓަގަރީ ހިމެނެއެވެ. އާންމު ކެޓަގަރީގައި ވަކި ވަކި މުވައްޒަފުންނަށް ވާދަކުރެވޭއިރު ޑިޕާޓްމެންޓް ކެޓަގަރީގައި އެ ހޮސްޕިޓަލުގެ އެކި ޑިޕާރޓްމެންޓުތަކުން ވާދަކުރެވޭނެއެވެ.

އަދި މި 2 ކެޓަގަރީގައި ވާދަކުރާ ފަރާތްތަކުގެ ތެރެއިން ވަނަ ވަނަ އަށް އަންނަ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއްވެސް ވަނީ ކަނޑައެޅިފައެވެ. އެގޮތުން، އާންމު ކެޓަގަރީން 10 ވަނައެއް ނަގަން ހަމަޖެހިފާވާއިރު، ޑިޕާރޓްމެންޓް ކެޓަގަރީން ނަގަން ޖަމަޖެހިފާވަނީ 1 ވަނަ އަދި 2 ވަނަ އެވެ.

މި ހަރަކާތުގައި އެކިވަނަތަކަށް ބަހާލެވިގެން ޖުމްލަ 5555 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ ކަމަށް އަޙްމަދު ޒާހިދު ވިދާޅުވިއެވެ. އަދި އާންމު ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުން، އެ ހޮސްޕިޓަލުގެ މުވައްޒަފުންނާ ހިއްސާ ކުރެވިފާވާ ގޫގްލް ފޯމް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް ޒާހިދު ފާހަގަކުރެއްވިއެވެ.

އާންމު ކެޓަގަރީގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުން މި މަހު 20 ވަނަ ދުވަހުގެ ކުރިން ގޫގްލް ފޯރމް ފުރަންޖެހޭނެ ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.