ހއ.އިހަވަންދޫގައި ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ކުލީ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ލޮނުމަސް އެޅުމުގެ މަސައްކަތް ކުރުމަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގެ ބަނދަރުގެ އިރުމަތީ ފަރާތުގައި އޮތް 1600 އަކަފޫޓުގެ ހަތަރު ބިމެވެ. މި ހަތަރު ބިން ހަ މަސްދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ.

Ad
rt

މިކަން އާންމުކޮށް 02 ސެޕްޓެމްބަރ 2021 ގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ލޮނުމަސް އެޅުމަށް ކުލީ ބިން ބޭނުންވާ ފަރާތްތަކުން 05 ސެޕްޓެންބަރު 2021 އިން 09 ސެޕްޓެންބަރު 2021 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 14 ސެޕްޓެންބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް އެ އިދާރާއަށް ދުރުވެ ޕްރޮޕޯސަލް ފޯމު ހުށަހެޅުއްވުމަށެވެ.

މީގެ އިތުރުން އެ ބިންތަކަށް އެދި ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި، އަދި އަމިއްލަ ފަރާތްތަކަށް ވެސް ފުރުޞަތު ހުޅުވާލާ ކަމަށެވެ.

ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން އެނގޭނެ އެ ތަނެއްގެ ރަސްމީ ސިޓީއަކާއި އެ ތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެ ކަމަށާއި، މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ފޯމު ބަލައި ނުގަނެވޭނެ ކަމުގައި އެ އިޢުލާނުގައި ވަނީ ބުނެފައެވެ.

ލޮނުމަސް އެޅުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތުގައި މިހާރުވެސް ކުރައްވާ ފަރާތްތަކަށް ބިން ދޫކުރުމުގައި އިސްކަން ދެވޭނެ ކަމުގައި އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ހއ. އިހަވަންދޫއަކީ މަސްވެރިކަމުގައި ރާއްޖޭގައި ވެސް ފާހަގަ ކޮށްލެވޭ ތަފާތު ވައްތަރުގެ މަސްވެރިކަން ކުރަމުން އަންނަ ރަށެކެވެ. ފައިބަރުން ބޮޑެތި މަސްދޯނިފަހަރު ބަނުމުގެ މަސައްކަތަކީ ވެސް އެ ރަށުގައި ކާމިޔާބު ކަމާއިއެކު ކުރަމުން އަންނަ މަސައްކަތެކެކެވެ. އެ ރަށުގައި މިހާރުވެސް ޒަމާނީ ބޮޑެތި މަސްދޯނިތައް މަސްވެރިކަމުގައި އަންނަނީ ބޭނުން ކުރަމުންނެވެ.