ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން 150 އަށްވުރެ ގިނަ ކުދިންނަށް ސްޕީޗް ތެރަޕީދީ، ކުދިންގެ އުޅުމާއި ވާހަކަދެއްކުން ކާމިޔާބުކަމާއި އެކު ރަގަޅުވެފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ކުޅުދުއްފުށި ހޮސްޕިޓަލްގެ ސްޕީޗް އެންޑް ޕެތަލޮޖިސްޓް ޑރ. ސްރީޝާމް ވިދާޅުވެފައިވާ ގޮތުގައި އެ ހޮސްޕިޓަލްއިން މިހާތަނަށް 150 ވުރެ ގިނަ ކުދިންނަށް ތެރަޕީދީފައިވާނެމަށާއި މިއީ ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށަށް ނިސްބަތްވާ ކުދިންވެސް މީގެ ތެރޭގައި ހިމެނޭކަމަށް ވިދާޅުވިއެވެ. މިގޮތުން ސްޕީޗް އަދި އޭ.ޑީ.އެޗް.ޑީގެ އިތުރުން އޯޓިޒަމް ސްޕެކްޓްރަމް ހުންނަ ކުދިންނަށްވެސް އޭނާ ފަރުވާދީފައިވާނެކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ކުދިންގެ ތެރަޕީތައްވެސް ވަރަށް ކާމިޔާބުކަން ފާހަގަކުރެއްވިއެވެ.

Ad
rt

މީގެތެރޭގައި މިދިޔަ 2020 ވަނަ އަހަރުގެ އޭޕްރިލް މަހު ތެރެޕީއަށް އައިސްފައިވާ 3 އަހަރުގެ އަންހެން ކުއްޖަކު އެންމެ 1 އަހަރު ދުވަހުގެ ތެރޭގައި ވާހަކަ ދެއްކުމާއި އުޅޭ އުޅުމުގެ އިތުރަށް އޯޓިޒަމްގެ ފީޗަރއެއްކަމަށްވާ ފުއްނާބު ނުޖައްސާ ހިނގުން ފަދަ ކަންކަން ރަގަޅުވެ ވަރަށް ބޮޑު ކުރިއެރުމެއް ކުއްޖާއަށް ލިބިފައިވާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ. އަދި މިކަންކަމަށް އެކުއްޖާގެ ބެލެނިވެރިންގެ ފަރާތުން ވަރަށް ގިނަ އެހީތެރިކަން ލިބިފައިވާކަމަށް ޑރ.ވިދާޅުވިއެވެ.

މިކުއްޖާގެ ބެލެނިވެރިން ބުނެފައިވާ ގޮތުގައި ކުއްޖާގެ ގައިގައި އެހެން ކުދިންނާއި ހިލާފަށް ވާހަކަ ދެއްކުމާއި އުޅޭ އުޅުން ތަފާތުކަން ފާހަގަވެގެން އުމުރުން 2 އަހަރާއި 7 މަހުގައި ޑރ އަށް ދެއްކުމުން ސްޕީޗް އަދި ބިހޭވިއަރ ތެރަޕީ ނެގުމަށް ހޮސްޕިޓަލުން ލަފާދީފައިވާކަމަށް ކުއްޖާގެ މަންމަ ވަނީ މަޢުލޫމާތުދީފައެވެ. އަދި ލަސްނުކޮށް ހޮސްޕިޓަލަށް ގޮސް ސްޕީޗް ތެރަޕިސްޓްއާއި ބައްދަލުކޮށް އޭނާގެ ލަފާ ބޭނުންކޮށްގެން ގޭގައިވެސް ކުއްޖާއަށް ތެރަޕީގައި ކަން ކުރާ ގޮތަށް ކުރަމުން އައިސްފައިވާނެކަމަށް މަންމަ ބުނެފައިވެއެވެ.

ކުރިން އެއްޗެއް ބޭނުންވިއަށް އިނގިލި ދިއްކުރާކަމަށާއި މިހާރު އެއްޗެއް ބޭނުންވުމުން އެ އެއްޗެއްގެ ނަން ބުނެ ވާހަކަ ދައްކަން ފަށާފައިވާކަމަށް މަންމަ ބުނެފައިވެއެވެ.

އެކުއްޖާގެ މަންމަ ބުނާ ގޮތުންނަމަ ތެރަޕިސްޓް ކައިރީގައި ހޭދަވާ އެއްގަޑި އިރަށް ވުރެން ކުއްޖާއަށް ބޮޑަށް އެއްޗެހި އުނގައްނައިދީ ތަރުބިއްޔަތު ދެވޭނީ ގޭގައިކަން ފާހަގަކުރިއެވެ. އަދި ތެރަޕިސްޓް ބުނާ ގޮތަށް ގޭގައި ބެލެނިވެރިން އަމަލް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކޮށްފައިވެއެވެ. ކުޅުދުއްފުށި ފަދަ ބޮޑު އާބާދީއެއް ހިމެނޭ ރަށެއްގައި އެންމެ ތެރަޕިސްޓަކު ހުރުމަކީ ވަރަށް ދަތިވާ ކަމެއްކަންވެސް ބެލެނިވެރިން ފާހަގަކުރަމުން އާދެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޓްރޯކް ޖެހި ޕެރަލައިޒްވެފައިވާ މީހުންގެ އިތުރުން ވާހަކަ ދެއްކުމުގެ އުނދަގޫ ހުންނަ މީހުންނަށްވެސް ތެރަޕީ ދެމުން އަންނަ ކަން ސްޕީޗް ތެރަޕީ ދެއްވާ ޑރ. ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ކުދިންނަށާއި ބޮޑެތި މީހުންނަށް ބޭނުންވާ ސައިކޮލޮޖީ ތެރަޕީ ހޯދުމަށް ވެރިރަށް މާލެއަށް ދާން ޖެހުމަކީ ހުރި ދަތިތަކަމެއްކަން ފާހަގަކޮށްފައިވެއެވެ.

ޑރ ބުނާ ގޮތުންނަމަ ސްޕީޗް ތެރަޕީއާއި އެކު ސައިކޮލޮޖިސްޓުންގެ ފަރާތުންވެސް ކުއްޖާއަށް ބައެއް ތެރަޕީތައް ބޭނުންވާކަން ފާހަގަކޮށް މި ޙިދުމަތް ރަށުން ލިބޭ ނަމަ އިތުރަށް ކުދިންނަށް ދެވޭ ފަރުވާއަށް ފަސޭހަތަކެއް ލިބިގެންދާނެކަން ވަނީ ފާހަގަކުރައްވާފައެވެ.

The successful recovery journey of a child diagnosed with delayed speech and language. The Speech Therapy service at KRH...

Posted by Kulhudhuffushi Regional Hospital on Friday, September 3, 2021

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މި ޚިދުމަތް ތައާރަފް ކޮށްފައި ވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުއެވެ.