ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުގައި ކޯވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެއްގެ ހާލަތު ގޯސްވަމުން ދާތީ، ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް އެމީހާ ބަދަލުކޮށްފިއެވެ.
މި މީހާއަކީ ހާލަތު ގޯސްވުމުން ރޭގެ ވަގުތެއްގައި ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދެވުނު އަންހެނެކެވެ. އެމީހާ ސީ އެމްބިއުލާންސްގައި ފުނަދޫއަށް ފުރުވާލާފައި ވަނީ ރޭ މެންދަމު 12:45 ހާއިރުއެވެ. އެމީހާގެ އެހީތެރިއެއްގެ ގޮތުގައި އޭނާގެ ފިރިމީހާ ގޮސްފައިވާއިރު ފިރިމީހާއަކީ ވެސް ޕޮޒިޓިވްވެފައިވާ މީހެކެވެ.
ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، ރޭ އެރަށުން، ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލު ކުރި މީހާ އެ ސެންޓަރަށް ބަދަލުކުރީ އެމީހާ ނޭވާލާން އުނދަގޫވެގެން އުޅޭތީ އިތުރު ފަރުވާއަށް ކަމަށެވެ.
އެމީހާއަކީ ހާލަތު ގޯސްވެގެން ޕިކަޕެއްގައި ރޭ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަ މީހެއްކަމަށް މި ނޫހަށް ލިބިފައިވާ މައުލޫމަތަކާއި ގުޅިގެން ސުވާލު ކުރުމުން މުސްތަފާ ވިދާޅުވީ އެއީ ރަނގަޅު ވާހަކައެއް ކަމަށެވެ.
ނޮޅިވަރަމުން ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް 364 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 109 މީހެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
އެރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ މިދިޔަ އޯގަސްޓް މަހުގެ 28 ވަނަ ދުވަހުވެއެވެ. އެއީ 7 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 5 ކުޑަކުދިންނާއި ބޮޑު 2 މީހެކެވެ.
28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓިންގެ ހާލަތަށް ވެސް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!