ޤަވައިދާ ހިލާފަށް ޑޮކިއުމަންޓުނެތި ހއ.ކެލާގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ރަޖިސްޓްރީ ވުމަށް ބޭނުންވާ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ކެލާ ކައުންސިލުން ނިންމައިފިއެވެ.

ކެލާ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެ ރަށުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރަޖިސްޓަރީ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

Ad
rt

މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބިދޭސީން ރަޖިސްޓަރީ ވުމަށް މިދެވޭ ފުރުޞަތުގައި ރަޖިސްޓުރީ ނުވާ ފަރާތްތައް ރަށުގައި ނުތިބެވޭނެ ވާހަކަ ބިދޭސީން ވަޒީފާތަކުގައި ގެންގުޅުއްވާ ފަރާތްތަކަށް އަންގާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒް ވިދާޅުވެފައި ވަނީ އެކިއެކި ޕްރޮޖެކްޓްތަކާއި ގުޅިގެން ރަށަށް އައިސްފައިވާ ބިދޭސީންގެ ތެރޭގައި ޑޮކިއުމެންޓް ހަމަނުވާ ބިދޭސީން މިހާރުވެސް އުޅެމުން އަންނަ ކަމަށެވެ.

މިގޮތަށް ރަށަށް އައިސް ތިބޭ ބިދޭސީންގެ ބެލެނިވެރި ފަރާތެއް ތިބުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށާއި މިފަދަ މީހަކު ބަލިވުން އަދި މިނޫން ވެސް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެ ފަރާތްތަކުގެ ހައްޤުތައް ކަށަވަރު ކޮށްދިނުމުގައި އެ ބިދޭސީއެއްގެ ބެލެނިވެރި ފަރާތެއް ނެތްނަމަ ވަރަށް ބޮޑެތި ގޮންޖެހުން ކުރިމަތިވެގެން ދާނެ ކަމަށެވެ.

މީގެއިތުރުން އިންސާނުންނަށް ވީތީ އެބައި މީހުންނަށް ވެސް ލިބިދޭންޖެހޭ ހައްޤުތަކެއް ވެސް ވާތީވެ އެ ފަރާތްތައް ޤާނޫނީ އިމުގެ ތެރޭގައި ތިބުމަކީ އެ ހައްޤުތައް ކަށަވަރު ކުރުމަށް ލިބިގެންދާނެ ބާރެއް ގޮތުގައި އިންފާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އިންފާޒް އިތުރަށް ވިދާޅުވެފައި ވަނީ ކެލާ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ހުޅުވާ މިލަނީ ރަނގަޅު ފުރުޞަތެއް ކަމަށާއި ވުމާއެކު ހުޅުވާލާ ފުރުޞަތުގެ ބޭނުން ހިފައި އެފަދަ ފަރާތްތައް ޤާނޫނީ އިމުގެތެރެއަށް ވަނުމަށް ކައުންސިލުން އިލްތުމާސް ކުރާ ކަމަށެވެ.