ހއ. އިހަވަންދޫ މޮނިޓަރިން އުވާލައިފި އެވެ.
ހުސްވި އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވެ، އެމީހުންނާ ޑައިރިކްޓް ކޮންޓެކްޓްވި 2 މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން އަށް ލާފައިވަނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގައެވެ.
އިހަވަންދޫ ކައުންސިލުން ވިދާޅުވީ ކޮވިޑް 19 ގެ ކޭސްތަކާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، މޮނިޓަރިންގެ ހާލަތުން ނެގުމަށް އެޗްޕީއޭ އިން މިއަދު އަންގާފާވާކަމަށެވެ.
އަދި އެރަށް މޮނިޓަރިންގެ ހާލަތުގައި އޮތް ދުވަސްތަކުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެދިފައިވާ ޤަވާއިދުތަކަށް އެރަށު ރައްޔިތުންގެ ކިބައިން ލިބުނު އެއްބާރުލުމަށް ކައުންސިލުން ވަނީ ޝުކުރު ދަންނަވާފައެވެ.
" މޮނިޓަރިންގެ ހާލަތުން ނެގިފައިވީނަމަވެސް، އާންމު ދިރިއުޅުމުގައި ސާފުތާހިރުކަމަށް އިސްކަން ދިނުމަށާއި، ގެއިން ބޭރަށް ނުކުންނަ ނަމަ، މާސްކް އެޅުމާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަންދިނުމަށާއި ޚިދުމަތްދޭ ތަންތަނުން އެޗް.ޕީ.އޭގެ މިންގަނޑުތަކަށް ޢަމަލުކުރުމަށް، ރައްޔިތުންނަށް އިލްތިމާސްކުރަން. "
އިހަވަންދޫ ކައުންސިލުން ވިދާޅުވިއެވެ.
މީގެ އިތުރުން، މިކަމާ ގުޅިގެން އެރަށު އާމިނާދިޔޯ ސިއްހީ މަރުކަޒުން ވެސް ވަނީ މޮނިޓަރިންގެ ދުވަސް ވަރު އެރަށު ރައްޔިތުންގެ ކިބައިން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ. އަދި މޮނިޓަރިންގަ ނެތްކަމުގައިވިއަސް، އެޗްޕީއޭގެ ގަވައިދު ތަކަށް އުޅުމަށް އެ ހޮސްޕިޓަލުންވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
16 ވަނަ ދުވަހު ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން އެރަށުން އިއްޔެގެ ނިޔަލަށް 813 ސާމްޕަލް ވަނީ ނަގާފައެވެ. އެގޮތުން، އެ ސާމްޕަލްތަކުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 22 ސާމްޕަލް އެވެ. ސާމްޕަލް ނުލިބޭ 19 ސާމްޕަލެއް އަދި ވާކަމަށާއި ބަލިޖެހުނު މީހުންގެ ތެރެއިން 8 މީހަކު ބަލިން ރަނގަޅުވެފާ ވާކަމަށްވެސް އާމިނާދިޔޯ ހޮސްޕިޓަލުން އިއްޔެ އާންމުކުރެއްވި މައުލޫމާތުގައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!