ހއ. ކެލާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސުޕަރލީގު ފުޓު ބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ސުޕަރލީގު ފުޓުބޯޅަ މުބާރާތަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަށުފެންވަރުގެ މުބާރާތެކެވެ. ނަމަވެސް، 2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން އެ އަހަރުގެ މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.

Ad
rt

މި މުބާރާތަކީ ކެލާ ކައުންސިލާ އެރަށުގައި ހިންގާ ކުލަބް ޖަމިއްޔާތައް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. އެ ރަށުގެ ގިނަ ޓީމު ތަކެއް ބައިވެރިވަމުން އައި މި މުބާރާތް ކޮންމެ އަހަރަކުވެސް ބާއްވަމުން އައީ ސްކޫލް ބަންދާ ދިމާކޮށް ޑިސެމްބަރު މަހުގައެވެ.

ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިއަހަރުވެސް މި މުބާރާތް ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު މަހުގައެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ސަބަބުން ސުކޫލްތަކުގެ އެކަޑަމިކް ކަލެންޑަރގައި ބޮޑު ޗުއްޓީ ޖޫން ޖުލައި މަހާ ދިމާ ވުމާއި އެރަށުގެ ފުޓު ބޯޅަ ދަނޑުގެ ރޮސްޓްރޮމް އެޅުމުގެ މަސައްކަތް ކުރިއަށްދާތީ މިއަހަރު ބޭއްވުމަށް ހަމަޖެހިފާވާ މުބާރާތް އަންނަ އަހަރުގެ ޖުލައި މަހަށް ފަސްކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ފުޓު ބޯޅަ ދަނޑުގަ ސިޑިބަރިއާއެކު ރޮސްޓްރަމްގެ މަސައްްކަތް މިހާރު ފަށައިގެން ކުރިއަށް ގެންދާތީއާއި، ސްކޫލް ބަންދު ޖުލައި މަހާ ދިމާކޮށް އަންނާތީވެ އަޅުގަނޑުމެން ނިންމީ އަންނަ އަހަރުގެ ޖުލައި މަހަށް މި މުބާރާތް ބޭއްވުމަށް"

އިންފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިންފާޒު ވިދާޅުވީ މުބާރާތް ފަސްކުރަންޖެހުނީ މުބާރާތް ފެށެން ވާއިރަށް ދަނޑުގެ މަސައްކަތް ނުނިމިދާނެތީ ކަމަށެވެ. ލަފާ ކުރެވޭގޮތުގައި ކެލާގެ ފުޓުބޯޅަ ދަނޑުގެ ރޮސްޓްރޮމް އެޅުމުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅު ނިމޭނެކަމަށާއި ޖެނުއަރީ މަހުގައި ދަނޑު ބޭނުން ކުރެވޭނެކަމަށްވެސް އިންފާޒު ވިދާޅުވިއެވެ.