ހދ. ނޮޅިވަރަމުން ކޯވިޑް-19އަށް އިތުރު 23 މީހުން ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 63 އަށް އަރައިފިއެވެ.

ނޮޅިވަރަމް ކައުންސިލްގެ މީޑިއާ އޮފިޝަލް، ކައުންސިލް މެންބަރު މުޙައްމަދު މުސްތަފާ “ތިލަދުން”އަށް ވިދާޅުވީ، އޯގަސްޓް 30 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކެއްގެ ނަތީޖާ ރޭގައި ލިބުނުއުރު އިތުރު 23 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ، މިހާތަނަށް ނެގެމުން އަންނަނީ 28 އޯގަސްޓް ކްލަސްޓާއާއި ގުޅުންހުރި މީހުންގެ ސާމްޕަލްތައް ކަމަށާއި، އަދި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިގަނެވޭ ވަރު ނުވާކަމަށެވެ.

"ޕޮޒިޓިވްވާ މީހުން އިތުރުވާ ވަރަކަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް މިވަނީ ފުޅާވެފައި، އެހެންވެ އަދި ރެންޑަމް ސާމްޕަލް ނަގާކަށް ނުފެށޭ، ރެންޑަމް ސާމްޕަލް ނެގުނީމަ ރަށުތެރޭ ބަލި ފެތުރިފައި އޮތް މިންވަރު ލަފާކޮށްލެވޭނީ ވެސް، ސިއްހީ މަރުކަޒުން މައުލޫމާތުދެއްވާ އަދި ދެ ދުވަސްވަރު ވާނެ ކަމަށް ރެންޑަމް ސާމްޕަލް ނަގަން" މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ މިވަގު އެރަށުގެ 70 އަށްވުރެ ގިނަގެ މޮނިޓަރިންއަށް ލެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އިއްޔެ ވެސް އިތުރު ސާމްޕަލްތަކެއް ނަގާފައިވާ ކަމަށެވެ. އަދި އިއްޔެ އެ ސާމްޕަލްތައް ޓެސްޓް ކުރުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޮޅިވަރަމުން 30 އޯގަސްޓްގެ ނިޔަލަށް 197 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެތެރެއިން 63 މީހެއްގެ ސާމްޕަލް ޕޮޒިޓިވްވިއިރު ބާކީ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.

28 އޯގަސްޓް ކްލަސްޓާއާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެރަށް މޮނިޓިންގެ ހާލަތަށް ވެސް ގެނެއްސައެވެ.

ނޮޅިވަރަމުން ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވި އަވަށްޓެރި ނޮޅިވަރަންފަރު މީހެއް ވެސް ޕޮޒިޓިވްވުމުން އެޗްޕީއޭއިން އިއްޔެ ވަނީ ނޮޅިވަރަންފަރުވެސް މޮނިޓަރިންނަށް ލާފައެވެ. އެއީ ނޮޅިވަރަންފަރުން ޕޮޒިޓިވް ކޭހެއް ފެނުނު ފުރަތަމަ ފަހަރެވެ.