ހދ. އަތޮޅު ކައުންސިލުގެ ތަރައްޤީ އަދި ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށް ލޯކަލް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ފަށައިފިއެވެ.

މިގޮތުން ހދ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އެ ކައުންސިލްގެ ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝަލް ޕްލޭން އެކުލަވާލާ ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ލޯކަލް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.

Ad
rt

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ވެސް ވަނީ އެ ކައުންސިލުން ހުޅުވާލާފައެވެ.

އެގޮތުން، މި ކަމަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން މިމަހު 29 ވާ އާދީއްތަ ދުވަހުގެ 18:00 ން ފެށިގެން އަންނަ ސެޕްޓެންބަރު މަހުގެ 05 ވާ އާދީއްތަ ދުވަހުގެ 14:00 އާއި ދެމެދު ކުޅުދުއްފުށީ ސިޓީގައި ހުންނަ އެ ކައުންސިލްގެ އިދާރާއަށް ގޮސް ނުވަތަ އެ އިއުލާނުގައި ވާ އޮންލައިން ލިންކް މެދުވެރިކޮށް ރަޖިސްޓަރވުމަށް ހދ. އަތޮޅު ކައުންސިލުން ވަނީ އެދިލަށްވާފައެވެ.

މި މަސައްކަތަށް ޕްރޮޕޯސަލްތައް ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 7 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ޕްރޮޕޯސަލް ހުށަހެޅޭނީ، މިކަމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، ބަދަލުގައި ފޮނުވާފަރާތް ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެ ކަމަށްއެ ކައުންސިލުގެ ޢިއުލާނުގައި ވިދާޅުވެފަވެއެވެ.

ހދ. އަތޮޅުކައުންސިލުން ވަނީ އެ ކައުންސިލްގެ ތަރައްގީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ އޮންލައިން ބައްދަލުވުން ތަކެއްވެސް ކުރިއަށް ގެންދަވާފައެވެ.