މާލޭ ސިޓީގެ ހުޅުމާލޭގައި އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމެއްގައި ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސޮއިކޮށްފިއެވެ.

އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.

Ad
rt

ހުޅުމާލޭ ފޭސް 1 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭން ނިންމާފައިވާއިރު، މި ސްކޫލްގައި ކިޔަވައި ދޭނީ އިންގްލިޝް މީޑިއަމް އަށެވެ. އަދި އަރަބި ބަސް ކިޔަވައިދޭނެއެވެ.

ދެ ފޭސްއަށް ބަހާލައިގެން ކުރިއަށް ގެންދާން ހަމަޖެހިފައިވާ މިސްކޫލްގެ ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފެށޭވަރު ވާނެކަމަށް އަލްޖެރީ ހޯލްޑިންގ ގްރޫޕުން ބުނެފައިވެއެވެ. އަދި 2 ވަނަ ފޭސްގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެއެވެ.

ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ މިސްކޫލް އިމާރާތްކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕަކީ ކުވެއިތުގައި އިންޓަނޭޝަނަލް 20 ސްކޫލެއް ހިންގާ ކުންފުންޏެކެވެ.