ހދ. ނޭކުރެންދޫ ޒާހިރު ސްޕޯޓްސް އެކަޑަމީއާއި، އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް ކޯޗިން ކޭމްޕްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
04 ސެޕްޓެމްބަރ 2021 އިން 12 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ޖުމްލަ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޭމްޕް ހާއްސަ ކުރެވިފައި ވަނީ ކަނބަލުންނަށެވެ.
މި ކޭމްޕާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ޒާހިރު ސްޕޯޓްސް އެކަޑަމީގެ ރައީސް މުޙައްމަދު ޒާހިރު ބުނެފައިވަނީ ހޭންޑްބޯލްއަކީ މިހާރު ވެސް މަދުމަދުން އެ ރަށުގައި ކުޅެމުން އަންނަ ކުޅިވަރެއް ކަމަށެވެ. ހޭންޑްބޯލް ކޯޗިން ކޭމްޕެއް ކުރިއަށް ގެންދިޔުމުގެ މަޤުޞަދަކީ އެ ރަށުގައި ހޭންޑްބޯލް އެހެން ހަރުފަތަކަށް ގެންދިއުން ކަމަށާއި މިގޮތުން އެއް އަމާޒަކީ އަތޮޅުތެރޭގައި ހޭންޑްބޯލްގައި އެންމެ ރަނގަޅު އެއް ރަށަށް އެ ރަށް ހެދުން ކަމަށެވެ.
ޒާހިރު އިތުރަށް ބުނެފައިވަނީ މި ކޭމްޕްގައި ބައިވެރި ވުމަށް ކައިރި ބައެއް ރަށްތަކުން ވެސް ޝަޢުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށާއި ވުމާއެކު މި ކޭމްޕް ކުރިއަށް ގެންދިޔުމަށް މިހާރު ރާވާފައިވަނީ ބައިވެރިވާން ބޭނުންވާ ހުރިހާ ކަނބަލުންނަށް ވެސް ފުރުޞަތު ދީގެން ކަމަށެވެ. ނަމަވެސް ސްކޫލް ކުއްޖެއްނަމަ ގްރޭޑް ހަތަކުން މަތީގެ ދަރިވަރަކަށް ވާންވާނެ ކަމަށެވެ.
މި ކޭމްޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 31 އޯގަސްޓް 2021 ގެ ކުރިން ޒާހިރު ސްޕޯޓްސް އެކަޑަމީގެ ރައީސް މުޙައްމަދު ޒާހިރުގެ ނަމްބަރ 9751609 އަށް ނުވަތަ ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފާތިމަތު ރިޟާގެ ނަމްބަރ 9491001 އަށް ގުޅުއްވައި ނަން ނޯޓް ކުރެއްވުމަށް އެ ފަރާތުން އެދިލައްވައެވެ.
ޒާހިރު ސްޕޯޓްސް އެކަޑަމީއަކީ 2020 ވަނަ އަހަރު ރަޖިސްޓަރީކޮށް ހިންގަން ފަށާފައިވާ އެކަޑަމީއެކެވެ. އެ އެކަޑަމީގައި މިހާރު 40 ފިރިހެން ކުދިން ފުޓްބޯޅައިގެ ހުނަރު ހޯދަމުން އަންނައިރު، މި އެކަޑަމީއަކީ ކުދިންގެ އަތުން އެއްވެސް ފީއެއް ނުނަގައި ހިނގަމުން އަންނަ އެކަޑަމީއެކެވެ.
ޒާހިރު ބުނެފައިވާ ގޮތުގައި ރަށުގައި މޮޅެތި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ އިތުރުން ރަށުގައި ރަނގަޅު ފެންވަރުގެ ހޭންޑްބޯލް ކުޅޭ އަންހެން ކުޅުންތެރިން އުފެއްދުމުގެ ގޮތުން އެ ރަށުގެ އަންހެން ކުދިންނަށް އެ އެކަޑަމީން ހޭންޑްބޯލް ދަސްކޮށްދިނުމަށް ޕްރޮގްރާމެއް ވެސް މިހާރު ފެށުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ.
ކުޅިވަރުގެ އިތުރުން ރަށުގެ އިޖްތިމާޢީ ގުޅުން ރަނގަޅު ކުރުމާއި ރަށުގައި ބޮޑެތިވަމުން އަންނަ ކުދިންގެ ހިތުގައި ދީނީ ކަންކަމަށް ލޯބި އުފެއްދުމަކީ ވެސް އެ އެކަޑަމީގެ އެއް އަމާޒެވެ. ޒާހިރު ފާހަގަ ކޮށްފައިވާ ގޮތުގައި އެކަޑަމީގެ އުމުރުން ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް އެ ހެޔޮބަދަލު ދަނީ ފެންނަމުންނެވެ.
ޒާހުރުވަނީ އެކަޑަމީ ކުރިއަށް ގެންދިޔުމުގައި ރައްޔިތުންނާއި ހެޔޮއެދޭ ފަރާތްތަކުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް އެ ހުރުހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!