ހދ. ނޭކުރަންދޫގައި އަޅަން ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް ހަދާދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.
މިގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، ނޭކުރެންދޫގެ ހުޅަނގު ދެކުނު ކޮޅުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޖަލުގެ ކޮންސެޕްޓް ޕްލޭނެއް އެ މިނިސްޓްރީން ދެއްވާ މައުލޫމާތާއި އެއްގޮތަށް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
މި ބީލަމުގައި ރަޖިސްޓަރ ވުމަށް ދީފައިވާ ސުންގަޑިއަކީ މިމަހުގެ 29 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 6 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާގައެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކުގެ ބީލަންތައް ބަލައި ނުގަނެވޭނެކަމަށާއި މިބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް، ރަޖިސްޓަރީ ކުރައްވާ ބޭފުޅުންނަށް މިމަހުގެ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޮނުވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މި ޖަލުގެ މަޝްރޫޢުއާއިގުޅޭ މައުލޫމާތު ހޯދުމަށް، ނޭކުރަންދޫ ހިމެނޭ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲ އަށް މަޖިލިސް މެދުވެރިކޮށް ސުވާލު ވެސް މިހާރު ފޮނުވާފައެވެ. މެމްބަރު ރާއީ ހުށަހެޅުއްވީ މި ސުވާކުތަކުގެ ޖަވާބު ލިޔުމުން ހޯދުމަށެވެ.
އެގޮތުން އެ ތަނުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން އިރަކުތޯ އާއި، އެތަނުގެ މަސައްކަތާ ގުޅޭ ހުރިހާ މައުލޫމާތެއް މެމްބަރަށް ދިނުމަށް ވެސް އެދިލައްވާފަވެއެވެ. މީގެ އިތުރަށް އެ ސެންޓަރު އެޅުމަށް ކޮންމެ އަހަރަކު ވެސް ބަޖެތުގައި ވަކި ވަރެއް ހިމަނާކަން ފާހަގަކޮށް، އެ ބަޖެޓުން މިހާތަނަށް ކުރީ ކޮން މަސައްކަތެއްތޯ ސާފުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.
ހދ. ނޭކުރެންދޫގައި ގާއިމްކުރަން ނިންމާފައިވާ ޖަލުގެ އަމަލީ މަސައްކަތް މިދިޔަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ މީގެ ކުރިން ވިދާޅުވެފައިވެއެވެ. އަދި އެތަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!