ށ. ފީވަކުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެރަށުގެ ކޯވިޑްގެ ހާލަތު ބަޔާންކޮށް، ފީވަކު ސިއްހީ މަރުކަޒުން އެންމެފަހުން އާންމު ކުރެއްވި މައުލޫމާތުގައިވާ ގޮތުން އޯގަސްޓް 20،21 އަދި 22 ވަނަ ދުވަހު އެރަށުން ނެގި 69 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

Ad
rt

މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 28 މީހަކު އެބަތިއްބެވެ. އަދި 106 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެރަށުން ބަލިޖެހުނު މީހުންގެ 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށް ފީވަކު ސިއްހީ މަރުކަޒުން ވިދާޅުވެއެވެ.

އެރަށުން މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 134 އެވެ. އަދި މިވަގުތު ފީވަކުގެ 8 ގެ އެއްގައި ބަލިޖެހިފައިވާ މީހުން އެބަތިއްބެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އަދިވެސް އެރަށަށް އަރާ ފޭބުން ވަނީ މަނާ ކޮށްފައެވެ.

އުތުރުން މޮނިޓަރިންގައި އޮތް ހދ. މަކުނުދޫ އެ ހާލަތުން ރޭގައި ވީއްލާފައިވާއިރު ހއ. ތަކަންދޫ އަދި އޮތީ މޮނިޓަރިންގައެވެ.