އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ގޯތި ގެދޮރުގެ ވިސްނުމުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ޢާއިލާއަކަށް ވެސް ރާއްޖޭގެ ކޮންމެވެސް ސަރަޙައްދަކުން ދެވަނަ ގެއެއް ދޭގޮތަށް ހިމަނައި، އުމަރުގެ ގޯތި ގެދޮރުގެ ވިސްނުން އާންމުކޮށްފިއެވެ.
މިގޮތުން އުމަރުގެ ގޯތި ގެދޮރުގެ ވިސްނުމުގެ ތެރޭގައި ބިން ހިއްކައިގެން މާލެ ސަރަހައްދުން 15 ހާސް ގޯތި ދިނުމަށް ވަނީ ހިމަނާފައެވެ. ތްރީޖީ ހައުސިން މަޝްރޫޢުއެއް ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫޢުގެ ތެރެއިން ބިން ހިއްކައިގެން ގޯތި ދޭނީ ގުޅިފަޅާއި، ގިރާވަރު ފަޅާއި އަދި ގަލު ފަޅުން ކަމަށް ބުނެފަވެއެވެ.
މީގެއިތުރުން ސަރުކާރުން ވިޔަފާރި އުސޫލުން ބިން ވިއްކުން ހުއްޓާލުމަކީ ވެސް އުމަރުގެ ވިސްނުމެކެވެ. މިގޮތުން މިހާރު ހުޅުމާލެ ބަލަހައްޓަމުން އަންނަ ކުންފުނި، އެޗްޑީސީ އުވާލައި، ހުޅުމާލޭ ޑިވްލޮޕްމެންޓް އޮތޯރިޓީ އުފެއްދުމަށް ވެސް އުމަރުގެ ވިސްނުމުގައި ވަނީ ހިމަނާފައެވެ.
މި ވިސްނުމުގައި ކޮންމެ އާއިލާއަކަށް ވެސް ރާއްޖޭގެ ކޮންމެވެސް ސަރަހައްދަކުން ދެވަނަ ގެއެއް ދިނުމަށް ހިމަނާފައިވާއިރު، ބިދޭސީ މަސައްކަތްތެރީން ތިލަފުށީ "އިންޑަސްޓްރިއަލް ޓަވްން"އަށް ބަދަލު ކުރާނެ ކަމަށް ވެސް އެ ވިސްނުމުގައި ބުނެފަވެއެވެ.
އުމަރު އިސްވެ ހުންނަވާ އުފައްދާފައިވާ ސިޔާސީ ހަރަކާތް “ޑީއެންއޭ” އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ނިންމާފައިވާ ކަމަށް ޑީއެންއޭއިން މިމަހުގެ 7 ވަނަ ދުވަހު ބުނެފައިވާއިރު، އުމަރު ވަނީ އުމަރު2023ގެ ނަމުގައި ކެމްޕޭން ފައްޓަވާފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!