ހއ. އިހަވަންދޫން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އިހަވަންދޫ އައިމިނާ ދިޔޯ ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި މި 4 މީހުންނަކީ ވެސް ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން ކަރަންޓީނު ކުރެވިފައިވާ މީހުން ކަމަށެވެ.
އިތުރު 4 މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 15 އަށް އަރާފައެވެ. ކުޑަހުވަދޫ ކަލަސްޓާއާއި ގުޅިގެން މިހާތަނަށް އެރަށުން 356 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން 339 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ޢަދަދަކީ 2 އެވެ.
ދ. ކުޑަހުވަދޫން އެރަށަށް ދަތުރުކުރި 4 މީހެއް ޕޮޒިޓިވްވެފައި ވަނިކޮށް އެމީހުންނާއި، ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު އޯގަސްޓް 16 ވަނަ ދުވަހުގެ ރޭ ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ 17 އޯގަސްޓްއިން ފެށިގެން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.
އިހަވަންދޫން ބަލީގެ އަލާމަތް ހުރެގެން ޑޯކްޓަރަށް ދެއްކި 2 މީހަކު ވެސް ވަނީ މިދިޔަ އާދީއްތަ ދުވަހު ޕޮޒިޓިވްވެފައެވެ. އިހަވަންދޫ އައިމިނާދިއޯ ސިއްޙީމަރުކަޒުން ވިދާޅުވި ގޮތުގައި އިއްޔެ އެރަށުން ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ފުލޫ އަލާމާތްތަކާއިއެކު އެ މަރުކަޒަށް ޑޮކްޓަރަށް ދެއްކި 11 އަހަރުގެ ކުއްޖަކާއި 44 އަހަރުގެ އަންހެނެކެވެ.
އެރަށުން އިތުރު ކޭސްތައް ޕޮޒިޓިވް ވަމުންދާތީ، ޑޮކްޓަރަށް ދެއްކުން ފަދަ އެންމެހާ ޚިދުމަތްތައް ހޯދުމުގެ ކުރިން އެ މަރުކަޒުގެ ނަންބަރު 6500501 އަށް ގުޅުމަށްފަހު ދެއްވާ އިރުޝާދާއެއްގޮތަށް އަމަލުކުރުމަށް އައިމިނާދިއޯ ސިއްހީމަރުކަޒުން ވަނީ އެދިލައްވާފައެވެ. އަދި މިކަމަކީ އެރަށުގެ އާންމުންނާއި މަރުކަޒުގެ މުވައްޒަފުންގެ ސަލާމާތާއި ރައްކާތެރިކަމަށްޓަކައި ޢަމަލުކުރަމުން ގެންދާ އުސޫލެއްކަމަށްވެސްް އެ މަރުކަޒުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!