ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާ ކުޑަކުދިންގެ އާބާދޫގެ ތެރެއިން 50 އިންސައްތަ ކުދިން ވެކްސިން ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި ކުޑަކުދިންގެ ތެރެއިން ވެކްސިން ޖަހަނީ އުމުރުން 12 އަހަރާއި، 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެ ކުދިންނަށް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ 15 ވަނަ ދުވައެވެ. އެ ކުދިންނަށް ޖަހަނީ ފައިޒަރ ވެކްސިންއެވެ.

Ad
rt

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ އުމުރުގެ 20،000ށް ވުރެ ގިނަ ކުދިންނަށް މިހާތަނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. އެގޮތުން 20،239 ކުދިންނަށް ވެކްސިން ޖަހާފައިވާއިރު، އެއީ ވެކްސިން ޖަހާ ކުޑަކުދިންގެ އާބާދީގެ 50 އިންސައްތައަށް ވިރެ އިތުރު އަދަދެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ އެއީ ރާއްޖޭގެ ދަރިވަރުންގެ ރައްކާތެރި ކަމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މާލެ ސަރަހައްދުގެ އިތުރަށް ކުޅުދުއްފުށި ސިޓީގައި ވެސް ކުޑަކުދިންނަށް ވެކްސިން ޖަހަން ފަށާފައިވާއިރު، އެ ސިޓީގައި މިއަދު ވަނީ ޖަލާލުއްދީން ސްކޫލްގެ ދަރިވަރުންނަށް ވެކްސިން ޖަހާފައެވެ. އަދި ކުރިއަށް އޮތް ދެ ދުވަހެއް ތެރޭގައި ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި، އަފީފިއްދީން ސްކޫލްގެ ދަރިވަރުންނަށް ވެސް ވެކްސިން ޖަހަން ފަށާނެ ކަމަށް ބުނެފައިވެއެވެ.

ކުޑަކުދިންނަށް ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށެވެ. އެގޮތުން މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ އުމުރުން 17 އަހަރުގެ ކުޑަކުދިންނަށް ވެސް ވެކްސިން ޖަހަމުން އަންނަނީ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށެވެ.