ށ. އަތޮޅުގެ 3 ރަށެއްގައި މަކަރާއި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
މި ޕްރޮގްރާމަކީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީވެ ވިޔަވާރިވެރިންނާއި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ފާއިތުވި ހަފްތާގައި ށ. ފުނަދޫ، ށ. ކަނޑިތީމު އަދި ށ. ފޯކައިދޫ ގައި އެ ރަށްތަކުގެ ފުލުހުން ހިންގި މި ޕްރޮގްރާމުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ވަނީ ދީފައެވެ.
ޕްރޮމޯޝަންތަކުގެ ނަމުގައި އިނާމުތައް ލިބޭކަމަށް ބުނެ ވަކި ވަގުތެއްގެ ތެރޭގައި ފައިސާ ޖަމާކުރަން ބުނުމާއި، ރީލޯޑް ރާސްޓަސް ކުރުމަށް ގުޅާ ފޯނު ކޯލުތަކާ ގުޅޭ މައުލޫމާތު ފުލުހުން ވަނީ އެފަރާތްތަކަށް ދީފައިވެއެވެ.
މީގެ އިތުރުން، މަކަރާއި ހީލަތުން އޮޅުވާލައިގެން އޮންލައިން ވިޔަފާރި ކުރާކަމަށް ދައްކައި ރައްޔިތުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލަމުން ދާކަމަށާއި، ބޭންކުގެ ނަމުގައި ގުޅައި ކޭޝް ކާޑުގެ މައުލޫމާތާއި ބޭންކު އެކައުންޓްގެ މައުލޫމާތު ހޯދައިގެން ހިންގާ ކުށްތަކުން ސަލާމަތް ވާނެ ގޮތްތަކާއި އޮޅުވާލައިގެން ގުޅާ ކޯލްތަކާމެދު އަމަލު ކުރާނެ ގޮތްތައް ބުނެދީ ރައްޔިތުން ހޭލުންތެރި ކުރުވާފައިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ.
އަދި ވިޔަފާރި ކުރާތަންތަނުން ގިނަ އަދަދަކަށް ރީލޯޑް ރާސްޓަސް ކުރާކަމަށް ފާހަގަ ވެއްޖެނަމަ ސުވާލުކޮށް އެކަން ހުއްޓުވުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ މީހުން ބޭނުންކުރާ އުކުޅުތައް ކިޔައިދީ އެކަންކަމުގެ ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހޭލުންތެރި ކުރުވާފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމުގައި މަކަރާއި ހީލަތުން އާންމުކޮށް ހިންގާ ކުށްތަކާއި އެކުށްތަކުނުް ސަލާމަތްވާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ލިޔުންތައް ވެސް ފުލުހުން ވަނީ ޒިޔާރަތްކުރި ގޭބިސީތަކަށް ބަހާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!