ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުގެ އިދާރާއިން އެ ރަށު ބަނދަރު ސަރަހައްދުގައި ހުސްކޮށް އޮތް ހަތަރު ބިމެއް ފަނަރަ އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.

މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ހަތަރު ބިމަކީ ވައިލެޓް 4 ނަމަކަށް ކިޔާ 1039.50 ގެ އަކަފޫޓުގެ ބިމަކާއި، ވައިލެޓް 5 ނަމަކަށް ކިޔާ 1000.50 އަކަފޫޓުގެ ބިމަކާއި، ވައިލެޓް 6 ނަމަކަށް ކިޔާ 1070.50 އަކަފޫޓުގެ ބިމެއްގެ އިތުރުން ވައިލެޓް 7 ނަމަކަށް ކިޔާ 1992.38 އަކަފޫޓު ބިމެކެވެ.

Ad
rt

މިކަން ހާމަކަށް އެ ކައުންސިލުން 19 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި ބިންތައް ކުއްޔަށް ދޫކުރުމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައި ވަނީ " ހއ ދިއްދޫ ބަނދަރުގައި ހުރި ހުސް ބިންތައް ކުއްޔަށް ދޫކުރުމުގެ އުސޫލު 2021" އާ އެއްގޮތަށް ކަމަށެވެ.

ބީލަން ފޮތް 25 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައި ވަނީ 22 އޯގަސްޓް 2021 ވާ އާދީއްތަ ދުވަހުން ފެށިގެން 2 ސެޕްޓެމްބަރު 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކުވެސް ހެނދުނު 09:00 އިން 12:00 އަށް އެ ކައުންސިލް އިދާރާއިންނެވެ.

ބީލަން ފޮތް ބައްލަވައި ގަންނަވާ ފަރާތްތަކުން އެ ފޮތަށްވާ ފައިސާ އެ އިދާރާގެ 001 700364 7714 (Revenue 1) އެކައުންޓަށް ޖަމާކުރުމަށްފަހު 7285567 ނަންބަރަށް ވައިބާއިން ފޮނުވަންވާނެ ކަމުގައި އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވަނީ ބުނެފައެވެ.

ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 6 ސެޕްޓެމްބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާއަށް ކަމަށާއި އަދި ހުށަހަޅާ ބީލަންތައް ބަލައިގަންނާނީ ބީލަން ހުށަހަޅާފަރާތްތައް ނުވަތަ ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި ދުރުވާ ފަރާތްތަކުގެ ހާޟިރުގައި ކަމުގައި ވެސް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.