ސަޖިދަ ކުރާހިނދު ބިންމަތީގައި ޖެހެންޖެހޭ ގުނަވަންތަކާ ބެހޭ ބައެއް މައްސަލަތައް!

Shi'ite Muslims attend Friday prayers at the Imam Hussein shrine in the holy city of Kerbala

ސަޖިދައަކީ ޝައްކެއް ނެތްގޮތުގައި ނަމާދުގެ އެންމެ މުހިންމު މަޙައްލެވެ. އަޅާ އޭނާގެ ވެރި ރައްބުގެ ޙަޟްރަތަށް ނިކަމެތިކަމާއި ތަވާޟުޢުވެރިކަމާއެކު އޭނާގެ ހަށިގަނޑުގެ އެންމެ މަތީގައިވާ ބައި ބިންމަތީގައި ޖައްސައި ތިރިވެ ކުރާ ވަރަށް މަތިވެރި ޙަރަކާތެކެވެ. އަޅާއަށް އެއަޅުގެ ވެރި ރައްބާ އެންމެ ރަނގަޅަށް ކުއްދަންވެވޭ މަޤާމެވެ. ފަހެ ރަސޫލުﷲ ޞައްލައްﷲ ޢަލްއިހި ވަސައްލަމް ޙަދީޘް ކުރަށްވާފައި ވެއެވެ. أقرب ما يكون العبد من ربه وهو ساجدا

މާނަ: "އަޅާ، އޭނާގެ ވެރި ރައްބާ އެންމެ ގާތްވާހުށީ އޭނާ ސަޖިދައިގައި ވާ ވަގުތުގައެވެ."

މި ޙަދީޘްފުޅުންވެސް ސަޖިދައިގެ މުހިންމުކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގި ހާމަވެގެން ގޮއްސިއެވެ. މިއާއެކު އަޅުގަނޑުމެން ކޮންމެ ދުވަހަކު އެކިއެކި ނަމާދު ތަކުގައި އެތައް ފަހަރު ސަޖިޖދަކޮށް ހަދާއިރު، ސަޖިދަ މިކުރެވެނީ ރަނގަޅަށްތޯ ބަލާ ހަދާލުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ސަޖިދަ ކުރާއިރު ކޮންމެހެން ބިންމަތީގައި ޖެއްސެން ޖެހޭ ގުނަވަންތަކެއް ވެއެވެ. މިކަން ބަޔާންކުރައްވާފައިވާ ނަބަވާ އިރުޝާދެއްގައި ވެއެވެ.

وَعَنِ ابْنِ عَبَّاسٍ -رَضِيَ اللَّهُ عَنْهُمَا- قَالَ: قَالَ رَسُولُ اللَّهِ - صلى الله عليه وسلم: «أُمِرْتُ أَنْ أَسْجُدَ عَلَى سَبْعَةِ أَعْظُمٍ: عَلَى الْجَبْهَةِ - وَأَشَارَ بِيَدِهِ إِلَى أَنْفِهِ - وَالْيَدَيْنِ, وَالرُّكْبَتَيْنِ, وَأَطْرَافِ الْقَدَمَيْنِ» مُتَّفَقٌ عَلَيْهِ. (ޞަޙީޙް)

މާނަ: އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް ވަނީ ހަތް ގުނަވަނުގެ މަތީގައި ސަޖިދަ ކުރެއްވުމަށް އަމުރުކުރެވިގެންނެވެ. (އެއީ) ނިތްކުރިއާއި، (މިފަދައިން ޙަދީޘް ކުރަށްވަމުން ނޭފަތާ ދިމާލަށް އިނގިލިން އިޝާރާތް ކުރެއްވިއެވެ.) ދެއަތާއި، ދެ ކަކުލާއި، ދެފައިތިލައިގެ ނިމޭކޮޅެވެ.

(މިއީ އިމާމް ބުޚާރީ އާއި އިމާމް މުސްލިމް ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ.)

ޙަދީޘުން އެނގިގެން ދިޔަފަދައިން ސަޖިދައިގައި މީހާ އިންނައިރު އޮންނަންޖެހެނީ ހަތް ގުނަވަނެއްގެ މަތީގައެވެ. އެއީ ފުރަތަމަ ގުނަވަނަކަށް ނޭފަތް ހިމެނޭހެން ނިތްކުރި، ދެވަނަ އަދި ތިން ވަނައަށް ދެ އަތްތިލަ، ހަތަރުވަނަ އަދި ފަސްވަނައަށް ދެ ކަކޫ، ހަވަނަ އަދި ހަތް ވަނައަށް ދެފައިތިލައިގެ ނިމޭ ކޮޅެވެ.

ޢިލްމުވެރިންގެ މެދުގައި މި ގުނަވަންތަކުގެ ތެރޭގައި ނޭފަތް ހިމެނުމާމެދު ހިޔާލު ތަފާތުވެފައިވެއެވެ. ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި ނޭފަތް ޖެއްސުމަކީ މުސްތަޙައްބު ކަމެކެވެ. ނަމަވެސް އިމާމް ޝާފިޢީގެ އިތުރުން އިމާމް އަޙްމަދުގެ އެއް ރިވާޔަތެއްގައި ވާގޮތުން ސަޖިދަ ޖަހާއިރު، ނިތްކުރިއާއެކު ނޭފަތް ޖެއްސުމަކީ ވާޖިބެކެވެ. ކޮންމެއަކަސް އަންނަނިވި ސަބަބުތަކަށްޓަކައި، މި މައްސަލާގައި އެންމެ ރަނގަޅު ގޮތަކީ ނިތްކުރިއާއެކު ނޭފަތްވެސް ޖެއްސުމެވެ.

ސަބަބު 1: ޙަދީޘުގެ ނައްޞުގައި ނިތްކުރިއާއެކު ނޭފަތުގެ ވާހަކަ ޛިކުރުކުރަށްވާފައިވުން. އަދި " މިފަދައިން ޙަދީޘް ކުރަށްވަމުން ނޭފަތާ ދިމާލަށް އިނގިލިން އިޝާރާތް ކުރެއްވިއެވެ." މިފަދައިން ޙަދީޘުގައި ވާ ޢިބާރާތުންވެސް ނިތްކުރިއާއެކީގައި ނޭފަތް ޖައްސަންޖެހޭކަން އެނގެއެވެ. އެކަލޭގެފާނު "އަދި ނޭފަތޭ" ޙަދީޘް ނުކުރަށްވާ "ނިތްކުރި" އޭ ޙަދީޘް ކުރެއްވުމާއެކީގައި ނޭފަތަށް ޢިޝާރާތް ކުރެއްވުމުން އެނގިގެންދަނީ: ނޭފަތަކީ އެއްވެސް ޙާލެއްގައި މިހަތް ގުނަވަން ތެރޭގައިވާ މުސްތަޤިއްލު ގުނަވަނެއް ނޫންކަމާއި، އެއީ ނިތްކުރިއަށް ތަބާވާ ގުނަވަނެއް ކަމެވެ. އެހެންކަމުން ނިތްކުރި ޖައްސާއިރު ނޭފަތް ވެސް ޖައްސަންވާނެއެވެ.

ސަބަބު 2: އަންނަނިވި ޙަދީޘް: عَنْ أَبِي حُمَيْدٍ السَّاعِدِيِّ -رَضِيَ اللَّهُ عَنْهُ- أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا سَجَدَ أَمْكَنَ أَنْفَهُ وَجَبْهَتَهُ مِنَ الأَرْضِ وَنَحَّى يَدَيْهِ عَنْ جَنْبَيْهِ وَوَضَعَ كَفَّيْهِ حَذْوَ مَنْكِبَيْهِ‏.‏ (رواه الترمذي و إسناده حسن)

މާނަ: އަބޫ ޙުމައިދުއް ސާޢިދީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސަޖިދަކުރައްވާ ހިނދު އެކަލޭގެފާނުގެ ނޭފަތާއި ނިތްކުރި ބިންމަތީގައި ޖައްސަވައެވެ. އަދި އެކަލޭގެފާނުގެ ދެއަތްޕުޅު، ހަށިގަނޑާ ދުރުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ދެކޮނޑާއި އެއް މިނެއްގައި އެކަލޭގެފާނުގެ ދެއަތްތިލަ ބާއްވަވައެވެ."

(މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި މިޙަދީޘުގެ ސަނަދަކީ ޙަސަން ދަރަޖައިގެ ސަނަދެކެވެ.)

ދެން އުފެދޭ ސުވާލަކީ ސަޖިދަ ޖަހާ ހިނދު، ބިމާއި ސަޖިދައިގެ ގުނަވަނަކާ ދެމެ ހުރަހެއް ވުމުން ސަޖިދައިގެ ޞައްޙަކަމަށް އަޘަރެއް ކުރާނެތޯއެވެ؟

މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އިސްތަށިގަނޑު ދިގު މީހެއް ނަމަ ބައެއްފަހަރަށް އޭނާގެ އިސްތަށިގަނޑުވެސް ނިތްކުރިމައްޗަށް ވެއްޓި، ސަޖިދަ ޖަހާތަނާއި ނިތްކުރިއާ ދެމެދުގައިވާ ހުރަހެއްކަމުގައިވެއެވެ. އަދި މިނޫން އެހެން ޙާލަތެއްވެސް މެދުވެރިވެދާނެއެވެ. މިމައްސަލާގައި ވިސްނަންވީ ކަމަކީ، އެ ހުރަހަކީ އެގުނަވަނެއްގެ މަތީގައި ސަޖިދަ ޖަހަންޖެހޭ ހަތް ގުނަވަން ތަކުގެ ތެރެއިން ގުނަވަނެއް ކަމަށްވާނަމަ ސަޖިދަ ޞައްޙައެއް ނުވާނެއެވެ. މިޘާލަކަށް ނިތްކުރިއާއި ބިމާ ދެމެދަށް ހުރަހެއް ކަމުގައި އަތްތިލަ ވެއްޖެ ކަމުގައި ވާނަމަ ސަޖިދަ ޞައްޙައެއް ނުވާނެއެވެ. ނަމަވެސް ހުރަހަކީ ސަޖިދައިގެ ގުނަވަނެއް ކަމުގައި ނުވާނަމަ، ސަޖިދަ ޞައްޙަވެގެން ވެއެވެ. ނަމަވެސް ޙާލަތުގެ ގޮތުން ޙުކުމް ތަފާތުވެގެން ވެއެވެ.

ފުރަތަމަ ޙާލަތް: އެ ހުރަހަކީ ސަޖިދަ ޖެހި މީހާއާ ގުޅިގައި ވާ އެއްޗަކަށްވުން. މިޘާލަކަށް ފަގުޑި، ތާކިހާ، ގަމީހުގެ އަތްކުރި.

މި ޙާލަތުގައި އެ ހުރަސް، ހުރަހެއްކަމުގައި ހެދީ ޙާޖަތަކާ ގުޅިގެން ކަމުގައި ވާނަމަ އެއަކު އެއްވެސް މައްސަލައެއް ނެތެވެ. އަދި މަކުރޫހަ ކަމެއް ނެތި ސަޖިދަ ޞައްޙަ ވެގެންވެއެވެ. މިޘާލަކަށް ބިންމަތީގައި ސަޖިދަ ޖަހާ ހިނދު ބިންމަތި ހޫނުގަދަ ވުމުގެ ސަބަބުން ސަޖިދަ ޖަހަން އުންދަގޫ ވާނަމަ ފަގުޑިއެއް ނުވަތަ ތާކިހަލެއް އަޅައި، ނިތްކުރީގެ ބަދަލުގައި އޭގެ ކޮޅު ބިންމަތީގައި ޖެއްސުމުގައި މައްސަލައެއް ނެތެވެ. ނަމަވެސް އެއްވެސް ޙާޖަތެއް ނެތި މިފަދައިން ކަންތައް ކުރުމަކީ މަކުރޫހަކަމެކެވެ. އަންނަނިވި ޙަދީޘުން މިކަމަށް ދަލީލުކޮށްދެއެވެ.

عَنْ أَنَسِ بْنِ مَالِكٍ - رضى الله عنه - قَالَ كُنَّا نُصَلِّي مَعَ النَّبِيِّ صلى الله عليه وسلم فِي شِدَّةِ الْحَرِّ، فَإِذَا لَمْ يَسْتَطِعْ أَحَدُنَا أَنْ يُمَكِّنَ وَجْهَهُ مِنَ الأَرْضِ بَسَطَ ثَوْبَهُ فَسَجَدَ عَلَيْهِ‏.‏‏ (رواه البخاري)

މާނަ: ޢަނަސް އިބްނު މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާ އެކު ގަދަ ހޫނުގައި ނަމާދު ކުރެއްވީމެވެ. ފަހެ އަހަރެމެންގެ ތެރެއިން މީހަކަށް (ސަޖިދަ ކުރާ ހިނދު) ބިންމަތީގައި މޫނު ޖައްސަން ކުޅަދާނަ ނުވެއްޖެނަމަ، އޭނާގެ ހެދުން ފަތުރާލެއްވުމަށްފަހު އޭގެ މަތީގައި ސަޖިދަ ޖައްސަވައެވެ."

(މިއީ އިމާމް ބުޚާރީ ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ.)

މި ޙަދީޘުން އެނގޭ ގޮތުގައި، މިފަދައިން ސަޖިދަ ޖަހާ ތަނާއި ސަޖިދަ ޖަހާ ގުނަވާ ދެމެދު ހުރަހެއް ބޭނުންކުރަންވާނީ އެކަމަށް ޙާޖަތެއް ޖެހިފައި ވާނަމައެވެ. އަދި މިޙަދީޘުން ނެގޭ އަނެއް ފައިދާއަކީ، ސަޖިދަ ޖަހާހިނދު ނިތްކުރިއާއި ނޭފަތް ރަނގަޅަށް ބިންމަތީގައި ނުވަތަ ސަޖިދަ ޖަހާ ތަނެއްގެ މަތީގައި ޖައްސަން ޖެހޭނެކަން. މާނައަކީ މިޘާލަކަށް މިސްކިތް ފުރިގެން މިސްކިތް ބޭރުގައި ނަމާދު ކުރަން ޖެހިއްޖެ ޙާލަތެއްގައި، ސަޖިދަކުރާހިނދު، ނިތްކުރީގައި ވެލިޖެހި ހަޑިވެދާނެތީ ކިރިޔަ ކިރިޔާ ވެލިގަނޑުގައި ނިތްކުރި ޖައްސާލުމަކުން ސަޖިދަ ޞައްޙައެއް ނުވާނެއެވެ. އެހެނެއްކަމަކު ރަނގަޅަށް ނިތްކުރި ބިންމަތީގައި ޖައްސަންވާނެއެވެ. އަދި ނިތްކުރީގައި ވެލި ހޭކުމަކީ މައްސަލައެއްވެސް ނުމެނޫނެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި އެކަލޭގެފާނާއި ޞަޙާބީން ޢާންމުކޮށް ނަމާދުކުރަށްވައި ސަޖިދަ ޖެއްސެވީ މިސްކިތުގައި ވެލިގަނޑު މަތީގައެވެ. މި ޙަދީޘުންވެސް އެނގިގެން ދިޔަ ފަދައިން، ޞަޙާބީންނަށްވެސް ކިރިޔަ ކިރިޔާ ބިންމަތީގައި ނިތްކުރި ޖެހޭނެހެން ތިބެވުނީހެވެ. އޭރުން ހޫނުގެ އަސަރު އެހާ ބޮޑަކަށް ނުހުރާނެއެވެ. ނަމަވެސް ރަނގަޅަށް ނިތްކުރި ޖެއްސުމަށްޓަކައި އެބޭކަލުން ނިތްކުރިއާއި ބިމާ ދެމެދު ލައިގެންހުރި ހެދުމުން ފޮތިގަނޑެއް ހުރަހެއްކަމުގައި ހައްދަވައެވެ.

ދެވަނަ ޙާލަތް: އެ ހުރަހަކީ ސަޖިދަ ޖެހި މީހާއާ ގުޅިގައި ވާ އެއްޗަކަށްނުވުން.

މިޙާލަތުގައި ވެސް ތަފްޞީލަށް ދާން ޖެހެއެވެ. އެއީ އެހުރަހަކީ ހަމައެކަނި މޫނު ނުވަތަ ހަމައެކަނި ނިތްކުރި ފޮރުވޭ ވަރުގެ ހުރަހެއް ކަމަށް ވާނަމަ، އެފަދަ ހުރަހެއް ބާއްވައިގެން ސަޖިދަ ޖެހުން މަކުރޫހަވާނެއެވެ. ސަބަބަކީ މިޢަމަލު، ޝީޢީންގެ ހައްދުފަހަނައަޅައިފައިވާ ފިރުޤާއެއް ކަމަށްވާ ރާފިޟާއިންނާ ވައްތަރުވެގެން ވާތީއެވެ. އެބައިމީހުން ސަޖިދަ ޖަހާ ހިނދު ތުރްބާ އެއްގައި ނޫނީ ސަޖިދަ ނުޖަހައެވެ. ތުރްބާ އަކީ ސަޖިދަ ޖަހާއިރު ނިތްކުރި އޭގެމަތީގައި ބޭއްވުމަށްޓަކައި އެބައިމީހުން ގެންނުޅޭ ހިލައިން ނުވަތަ މަށިން ހަދައިވައިވާ އެއްޗެކެވެ.

ނަމަވެސް އެ ހުރަހަކީ ނަމާދު-މުސައްލާ ފަދަ މޫނާއި ދެއަތްތިލަވެސް ސަޖިދަ ޖަހާ ތަނާ ހުރަސްކުރާ ފަދަ އެއްޗަކަށް ވާނަމަ، އެފަދައެއްޗެއް ބޭނުން ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެފަދަ އެއްޗެއްގެ މަތީގައި ނަމާދު ކުރަށްވާފައި ވާތީއެވެ.

عَنْ مَيْمُونَةَ - رضى الله عنها - قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي عَلَى الْخُمْرَةِ‏.‏ (رواه البخاري (381))

މާނަ: މައިމޫނާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުމްރާ އެއްގެ މަތީގައި ނަމާދު ކުރެއްވިއެވެ."

(މިއީ އިމާމް ބުޚާރީ ރިވާ ކުރަށްވާފައިވާ ޙަދީޘެކެވެ.)

***ނޯޓ: ޚުމްރާ އަކީ ކުޑަ ކުނަލެއް ފަދަ އެއްޗެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.